މުލި

މުލީގައި ކަރަންޓް ނެތްތާ 24 ގަޑިއިރު، އިދާރާތައްވެސް ބަންދު

މ. މުލީގައި ކަރަންޓު ނެތްތާ 24 ގަޑިއިރުވެ، ސްކޫލުތަކާއި އޮފީސްތައް ބަންދުކުރުމުން ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް އުފުލަންޖެހިއްޖެ އެވެ.

މުލީ ކައުންސިލަރަކު "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލަ ހައްލުވާނެ އިރެއްވެސް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"މިކަމުގެ ސަބަބުން އޮފީސްތަކާއި ސްކޫލުގެ ކިޔެވުންވެސް މިއަދު ބަންދުކުރީ. އާންމު ވިޔަފާރިތަކުންވެސް މީގެ ސަބަބުން އެތައް ގެއްލުމަކާ ކުރިމަތިލާންޖެހޭ،" ކައުންސިލަރު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ ކަރަންޓު ކެނޑުނު ސީދާ ސަބަބެއް އަދިވެސް ސާފު ނުވާ ކަމަށާއި އެ ރަށުގައި ފެނެކައިގެ ޓީމުން ދަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުުން ކަމަށެވެ.

މުލިން ކަރަންޓު ކެނޑިފައިވަނީ އިއްޔެ ހެނދުނުން ފެށިގެންނެވެ. ކައުންސިލަރު މައުލޫމާތު ދެއްވި ގޮތުގައި ކަރަންޓު ކެނޑިފައިވީ ނަމަވެސް އެކި ޒޯނު ތަކަށް ކޮންމެ 30 މިނެޓަކުން ކަރަންޓު ދެމުންދެ އެވެ.

މުލީގައި ހުންނަ ހޮސްޕިޓަލަށް ކަރަންޓް ފޯރުކޮށްދިން ނަމަވެސް ފުރިހަމަ ހިދުމަތެއް އެތަނުންވެސް ދެވޭ ގޮތް ނުވާ ކަމަށްވެސް ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށަށް ކުރިން ގެންގޮސްފައި ހުރި އާ ޖެނެރޭޓަރެއްވެސް އެބަހުރި ކަމަށާއި ނަމަވެސް އަދިވެސް ބޭނުންކުރަނީ ކުރީގެ ބާ ޖަނަރޭޓަރު ކަމަށެވެ. ނަމަވެސް މިހާރު ދަނީ އާ ޖެންސެޓް ގުޅުމުގެ މަސައްކަތްކޮށް، މިއަދު މުޅި ރަށަށް ކަަރަންޓު ދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި މިވަގުކޮޅުގެ ތެރޭގައި އަޅުގަނޑުމެން މިއުޅެނީ ވަރަށް ހާލުގައި،" އޭނާ ވިދާޅުވި އެވެ.

މުލީގެ ބައެއް ރައްޔިތުން ރޭ ވަނީ ހޫނުގެ ސަބަބުން މަގުމަތީގައި ގޮދަޑި އަޅައިގެން ވެސް ނިދާފަ އެވެ.