އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހޫސީ ހަނގުރާމަވެރިން، އިޒުރޭލުގެ ވެރިރަށް ތެލްއަވީވަށް ދިން ޑްރޯން ހަމަލާއެއްގައި މީހަކު މަރުވެއްޖެ އެވެ. މި ހަމަލާގައި އިތުރު އަށް މީހަކު ޒަހަމްވި ކަމަށް ވެސް ނޫސްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުގެ ދިފާއީ ނިޒާމު -- އަޔަން ޑޯމަށް ހޫސީންގެ ޑްރޯން ފެނިފައެއް ނުވެ އެވެ. މި ޑްރޯން އަކީ އަސްކަރީ ފެންވަރުގެ ހަމަލާދިނުމަށް، ގޮވާތަކެތި އުފުލާ ޑްރޯނެކެވެ.
ހަމަލާދީފައި ވަނީ ތެލްއަވީވްގައި ހުންނަ އެމެރިކާ އެމްބަސީގެ ގޮތްޕެއް ކައިރީގަ އެވެ.
މި ހަމަލާއަށް ފަހު ހޫސީން އެކްސްގައި ބުނެފައި ވަނީ މިއީ އިޒުރޭލާ ދެކޮޅަށް ފެށި އާ ބާބެއް ކަމަށެވެ. އިތުރު ހަމަލާތައް ކިޔޫގައި ހުރި ކަމަށް ވެސް ހޫސީންގެ ތަރުޖަމާން ބުންޏެވެ.
ސޯސަލް މީޑިއާތަކުގައި ހުރި ވީޑިއޯތަކުން ފެންނަނީ ކަނޑު ހުރަސްކޮށް އިޒުރޭލަށް ޑްރޯނެއް އެރި މަންޒަރެެވެ. އަދި އިމާރާތްތަކުގެ ތެރެއަށް ވަދެ ގެއްލި ދެން އިވެނީ ބާރުގަދަ އެއްޗެއް ގޮވި އަޑެވެ. މުޅި ތަން ދިއްލިގެންދާ މަންޒަރު ވެސް ފެނެ އެވެ.
ޔަމަނާ ވަރަށް ދުރުގައި އޮންނަ ތެލްއަވީވަށް ޑްރޯން ހަމަލާއެއް ހޫސީން ދިނީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. މި މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް ހޫސީން ވަނީ ބުނެފަ އެވެ.
ބެލެވޭ ގޮތުގައި މިއީ މެދުވެރިގެ އެހީގައި ހޫސީން ދިން ހަމަލާއެކެވެ. މި ޒާތަށް ވުރެ ބާރުގަދަ ހަަމަލާތައް ދިނުމަށް ހޫސީން ކުޅަދާނަ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.