ޑރ. މުހައްމަދު މުއިއްޒު

އާބާދީ 3000އަށް ވުރެ ބޮޑު ނޫންނަމަ ތިން ކައުންސިލަރުން ފުދޭނެ: ރައީސް

އާބާދީގައި 3،000 މީހުން ހަމަވާ އާބާދީ އަކަށް ތިން ކައުންސިލަރުން ތިބުމުން ފުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ނާރެސްޕޯޓަލްއާއި ކުރަނގި އޮޕަރޭޝަންގެ ދެވަނަ ފޭސް އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ 3،000 މީހުން ހަމަވާ އާބާދީތަކަށް ތިން ކައުންސިލަރުންނަކީ ރަނގަޅު އަދަދެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ތިން ކައުންސިލަރުން ތަމްސީލު ކުރެވޭ ގޮތް ވިދާޅުވެ ދެއްވަމުން ވިދާޅުވީ މީގެތެރޭގައި ތިއްބަވަނީ ކައުންސިލްގެ ރައީސްގެ އަންހެނުންގެ ރައީސެއްގެ ގޮތުން އަންހެން ކައުންސިލަރަކާއި އަދި ޒުވާނުންގެ ފަރާތުން ޒުވާން ބޭފުޅެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އާބާދީގައި 3،000 އާއި 10،000އާ ދެމެދުގެ އަދަދަކަށް މީހުން ތިބިނަމަ ފަސް މެމްބަރުން ތިބުމުން ފުދޭނެ ކަމަށެވެ. ހިދުމަތް ދިނުމުގައި ބައި ގިނަ ކުރުމަށް ވުރެ ބޮޑަށް ބޭނުންވަނީ ދެވޭ ހިދުމަތް ފުރިހަމަ ކުރުން ކަމުގައިވެސް ވިދާޅުވި އެވެ.

"ދެވޭ ހިދުމަތުގައި އިހްލާސްތެރިވާން ޖެހެނީ. ހިދުމަތް ދިނުމުގައި ތެދުވެރިވާން ޖެހެނީ. އެކަން ކުރާކަށް ބޯ ގިނަ ކުރާކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރު ވިސްނާފައިވާ ގޮތަށް ލާމަރުކަޒީ ނިޒާމަށް ވަކިން ހާއްސަކޮށް ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ބަދަލުތައް ގެނައުމުން ކައުންސިލް ތަކުގެ ހިންގުން ރަނގަޅުވެ މުއައްޒަފުންނަށް ދެވޭ މުސާރަވެސް ރަނގަޅުކުރެވިގެން ދާނެ ކަމަށެވެ. އަދި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި ސިވިލް ސާވީސްގެ މެމްބަރުންނަށް ހިތްހަމަޖެހުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ އިއުލާންކުރެއްވީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. ރައީސް އެ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާއި ލޯކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކޮށްލުމަށް ގާނޫނުއަސާސީއާއި ކަމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.