ދުނިޔެ

ރަފާހް ޗެކްޕޮއިންޓް އީޔޫ އާއި ފަލަސްތީނާ ހަވާލުކުރަން އިޒުރޭލުން ވިސްނަނީ

މިސްރާ ގުޅިފައި އޮތް ރަފާހް ބޯޑަރު ބެލެހެއްޓުން އީޔޫ އާއި ފަލަސްތީނާ ހަވާލުކުރަން އިޒުރޭލުގެ އިދާރާތަކުން ވިސްނަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަފާހް ބޯޑަރުން އިޒުރޭލު ސިފައިން ފޭބުމަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފެނިވަޑައިގަންނަވާ ގޮތެއް ނޫނެވެ. ނަމަވެސް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން މިކަމަށް ބާރުއަޅާތީ ނަތަންޔާހޫއަށް އެހެން ގޮތެއް ނެތް ކަމަށް މިކަމުގެ މައުލޫމާތު ހުރި މީހުން ބްލޫމްބާގަށް ބުންޏެވެ.

ރަފާހް ބޯޑަރު ދޫކޮށްލައި އިޒުރޭލު ސިފައިން ފައިބައިފިނަމަ އެ ތަން ބެލެހެއްޓިދާނެ ކަމަށް ފަލަސްތީންގެ ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ. ފަލަސްތީން ސަރުކާރުން ބުނި ގޮތުން އެ ސަރަހައްދު ބަލަހައްޓާނީ ޔޫރަޕިއަން ޔޫނިއަނާ ގުޅިގެންނެވެ.

އިޒުރޭލު ސިފައިން ރަފާހް ބޯޑަރު ކޮންޓްރޯލްކޮށްގެން ތިބުމުން ޣައްޒާއަށް ވައްދަންޖެހޭ އިންސާނީ އެހީތައް ވެއްދުމަށް ވަރަށް ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ.

އެހީ ހިފައިގެން ދަތުރުކުރާ ލޮރީތަކަށް ޖެއްސުންކުރުމާއި، ލޮރީތައް ހުއްޓުވައި ލޫޓުވުން ފަދަ ހަރަކާތްތައް ޔަހޫދީންގެ ފަރާތުން ފެންނަ ކަމަށް ނޫސްވެރިންވެސް ވަނީ ބުނެފަ އެވެ.

ޔޫރަޕިއަން ޔޫނިއަނާ ގުޅިގެން ފަލަސްތީންގެ ސަރުކާރުން ރަފާހް ބޯޑަރު ބަލަހައްޓަން ފެށުމުން ޣައްޒާއަށް އެހީ އެެތެރެކުރުން ވަަރަށް ބޮޑަށް ފަސޭހަވާނެ އެވެ. އަދި މިއީ އެމެރިކާއިންވެސް ކޮށްފައި އޮތް ޝަރުތެކެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ކާބީ ވެސް ވަނީ މިކަމުގެ މުހިއްމު ކަމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާފަ އެވެ.

ޖޯން ކާބީ ވިދާޅުވި ގޮތުގައި ޣައްޒާއަށް އެހީ ވެއްދުމަށް މިހާރަަށް ވުރެ ފަސޭހަ ގޮތެއް އޮތް ނަމަ އެ ގޮތަކަށް ވައިޓް ހައުސް ރުހޭނެ އެވެ.

ޔޫރަޕިއަން ޔޫނިއަން އަކީ އެމެރިކާގެ ބައިވެރިއަކަށް ވާތީ، އެމެރިކާގެ ސިޔާސަތު އެ މީހުން ދަމަހައްޓާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.