ޔާމީން ރަޝީދުގެ މަރު

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިސްތިއުނާފު ފަށަނީ

ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދެ މީހަކު ކުށްވެރިވާ ކަމަށް ކަނޑައަޅައި އެ ދެ މީހުން އުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމާއި އަދި އެ މައްސަލައިގައި ކުށް ސާބިތު ނުވާ ކަމަށް އެކެއްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ފަށަން ތާވަލުކޮށްފި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ހައިކޯޓުގައި މާދަމާ އޮތީ އަހްމަދު ޒިހާން އިސްމާއީލްއާއި، އިސްމާއީލް ހައިޝަމް އަދި އިސްމާއީލް ރަޝީދުއާ މުހައްމަދު ދިފްރާންގެ މައްސަލަ އެވެ.

މީގެ ތެރެއިން އިސްމާއީލް ރަޝީދުއާ މުހައްމަދު ދިފްރާންގެ މައްސަލައަކީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ ދެ މައްސަލަ އެވެ. އަނެއް ދެ މީހުންގެ މައްސަލަ އިސްތިއުނާފު ކުރީ އެ މީހުންނެވެ.

ހައިކޯޓުގައި މި ހަތަރު މީހުންގެ މައްސަލަވެސް ތާވަލުކޮށްފައި އޮތީ އެއްކޮށް ކުރިއަށް ގެންދާ ގޮތަށެވެ. މާދަމާ މެންދުރު ފަހު މި މައްސަލަ ފަށާއިރު މި މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ހަސަން ޝަފީއު، ފާތިމަތު ފަރުހީޒާ އަދި އަބްދުލް މާނިއު ހުސައިން އެވެ.

މައްސަލަ ފަށަން ތާވަލުކޮށްފައި އޮތީ މާދަމާ މެންދުރު ފަހު 2:15 ގައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނެފައިވަނީ އިސްމާއީލް ހައިޝަމް ރަޝީދާއި، އަހްމަދު ޒިހާން އިސްމާއީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި ހުސައިން ޒިޔާދާއި، އިސްމާއީލް ރަޝީދާއި، ހަސަން ޝިފާޒާއި، މުހައްމަދު ދިފްރާންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ދަށު ކޯޓުން މި މައްސަލަ ނިންމާފައިވާ ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ހައިޝަމް އަކީ ޔާމީން މަރާލަން ރާވައި އެކަމުގައި އެންމެ އިސްކޮށް އުޅުނު މީހާ އެވެ. ހައިޝަމް އާއި ޒިހާން، ޔާމީން ދިރިއުޅޭ ގޭ ތެރޭގައި ޔާމީނަށް ހަމަލާ ދިން މަންޒަރު ސީސީޓީވީ ފުޓޭޖަށް ވަނީ އަރާފަ އެވެ.

މި މައްސަލައިގައި ހެކިބަސް ދިން ސިއްރު ހެކިވެރިޔަކު ކިޔައިދިން ގޮތުގައި އެ ގޭ ކައިރިން އެރޭ އޭނާ ދަނިކޮށް ބާރު އަޑެއް އިވުނެވެ. އެ އަޑާ ދިމާލަށް ދަނިކޮށް އަޑު ކެނޑުމާއި އެކު ދެ މީހަކު ނިކުތެވެ. ސިއްރު ހެކިވެރިޔާ ސިފަކޮށްދިން ގޮތާއި އެ ދެ މީހުން ކެމެރާއިން ފެންނަ ގޮތާއި އެއްވައްތަރު ސިފަތަކެއް ހުރި ކަމަށް ދަށު ކޯޓުގެ ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވުމުން ވާރިސުންގެ ބަސް ނެގި އެވެ. ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ދަށު ކޯޓުގައި ބުނީ ގިސޯސް ހިފަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ. ބައްޕަ ހުސައިން ރަޝީދު ބުނީ ގިސޯސް ހިފަން ބޭނުންވާ ކަމަށެވެ.

ގާޒީ އާދަމް މުހައްމަދު ހުކުމް އިއްވަމުން ވިދާޅުވީ ވާރިސުންގެ ތެރެއިން އެކަކުވެސް ގިސޯސް ހިފަން ބޭނުންނުވާނަމަ އެ ހުކުމް ކަނޑަނޭޅޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ކަނޑައެޅޭނީ ގާނޫނީ އަދަބެއް ކަމަށެވެ.

ދެ މީހުންނަށް އިއްވި 25 އަހަރުގެ ޖަލު ހުކުމުން އެ މީހުން އެހާތަނަށް ބަންދުގައި ތިބި މުއްދަތު ވަނީ އުނިކޮށްފަ އެވެ. އެއީ ހަތަރު އަހަރާއި އަށް މަހާއި 11 ދުވަހެވެ. އޭރު ހުކުމް ކުރި ގޮތުން އެ މީހުން ތަންފީޒުކުރަން ޖެހޭނީ 20 އަހަރާއި ތިން މަހާއި 19 ދުވަހެވެ. ދަށު ކޯޓުގައި އެ މައްސަލައިގެ ހުކުމްކޮށްފައިވަނީ 2022 ވަނަ އަހަރުގެ ކުރީކޮޅުއެވެ.