އެމެރިކާގެ ރިޔާސީ ރޭހުން މިހާރުގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން ވަކިވެވަޑައިގެންފި އެވެ.
ބައިޑަން، ރިޔާސީ ރޭހުން ވަކިވެވަޑައިގެންފައި މިވަނީ އޭނާގެ އުމުރާއި ސިއްހީ ހާލަތު ހުރި ގޮތުން ރައީސް ކަމުގެ ދެވަނަ ދައުރެއްގެ މަސްއޫލިއްޔަތު އަދާކުރެއްްވުމުގެ ގާބިލްކަން ބައިޑަންގެ ކިބައިގައި ނެތް ކަމަށް ބުނެ އޭނާ ރިޔާސީ ރޭހުން ވަކިވެވަޑައިގަތުމަށް ޑިމޮކްރެޓިކް ޕާޓީގެ ނުފޫޒު ގަދަ ބޭފުޅުން ބޮޑެތި ފިއްތުއްތަކެއް ކުރިމަތިކޮށްފައި ވަނިކޮށެވެ. މީގެތެރޭގައި ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާ އާއި ހައުސް ލީޑަރު ހަކީމް ޖެފްރީސްއާ އެކު 30 އަށް ވުރެ ގިނަ ކޮންގްރެސް މެންބަރުން ހިމެނެ އެވެ.
މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ ރިޔާސީ ރޭހުން ވަކިވެވަޑައިގެންނެވި ކަމަށް އުމުރުން 81 އަހަރުގެ ބައިޑެން ނެރުއްވި ބަޔާނެއްގައި ވަނީ ޔަގީންވެސް ކޮށްދެއްވާފަ އެވެ.
ބައިޑަންގެ ބަޔާނުގައި ވިދާޅުވީ އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމަށް ހިދުމަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ ހަޔާތުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ޝަރަފް ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ އަލުން އިންތިހާބަށް ކުރިމަތިލުން ކަމުގައިވީ ނަމަވެސް ޕާޓީއަށާއި، ގައުމަށް އެންމެ ފައިދާހުރި ގޮތަކީ، އަޅުގަނޑު އިންތިހާބުން ވަކިވެ، ވެރިކަމުގެ މިދައުރުގެ ބާކީ ބައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކަށް ސަމާލުކަން ދިނުން،" އިންތިހާބުން ވަކިވެވަޑައިގެންނެވިކަން ޔަގީންކޮށްދެއްވަމުން ބައިޑަން ވިދާޅުވި އެވެ.
ރިޔާސީ ރޭހުން ބައިޑަން ވަކިވެވަޑައިގެންނެވިއިރު އޭނާ ހުންނެވީ ކޮވިޑް 19އަށް ޕޮޒިޓިވް ވުމާ ގުޅިގެން ކެމްޕޭން މެދުކަނޑާލެއްވުމަށްފަހު އަމިއްލަ ގޭގައި އެކަހެރިވެވަޑައިގެންނެވެ.
ބައިޑަން ވިދާޅުވީ އޭނާގެ މި ނިންމުމާ ގުޅޭ އިތުރު ތަފްސީލްތައް މި ހަފްތާ ގައުމާ މުހާތަބު ކުރައްވާއިރު ހިއްސާކުރައްވާނެ ކަމަށެވެ. އިންތިހާބުން ބައިޑަން ވަކިވެވަޑައިގެންނެވި ނަމަވެސް ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ތާއީދުކުރައްވާނެ ވަކި ބޭފުޅެއްގެ ނަމެއް ބައިޑަން އަދި ހާމަކުރައްވާފައެއް ނުވެ އެވެ.
އެމެރިކާގައި ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅަކު ރައީސް ކަމުގައި ހުންނަވަނިކޮށް ޕާޓީގެ ތެރެއިން ފިއްތުއްތައް ކުރިމަތިކޮށްގެން ދެވަނަ ދައުރެއް އެންމެ ފަހުން ލިބިވަޑައިނުގެންނެވި ރައީސް އަކީ 1968 ވަނަ އަހަރު އެމެރިކާގެ 36 ވަނަ ރައީސް ލިންޑަން ބީ ޖޯންސަން އެވެ. އޭގެފަހުން މިފަދަ ކަމެއް ކުރިމަތިވި ފުރަތަމަ ރައީސަކަށް ވެފައި މިވަނީ ބައިޑަން އެވެ.
ރިޔާސީ ރޭހުން ބައިޑަން ވަކިވެވަޑައިގަތުމާ ގުޅިގެން ޑިމޮކްރެޓް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ މިހާރުގެ ނައިބް ރައީސް ކަމަލާ ހެރިސްއަށް ކަމަށް މުރާސިލު ލަފާކުރެ އެވެ. ޑިމޮކްރެޓުން ގެންދަނީ އެމެރިކާގައި ކަމަލާއަށް ތާއީދު އޮތް މިންވަރުވެސް ބަލަމުންނެވެ. ކަމަލާއަށް ޓިކެޓް ކަށަވަރު ވާނީ ޑިމޮކްރެޓުންގެ ކަމާ ގުޅުންހުރި ގުނަންތަކުގެ އިސް ބޭފުޅުން ސައްލާ ކުރެއްވުމަށްފަހު ކަމަލާއަށް ޓިކެޓް ދޭން ނިންމުމުންނެވެ.