ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު މަގާމުން ވަކިކުރައްވައި، އެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.
ކަސްޓަމްސްގެ ތާރީހުގައި އެތަނުގެ ވެރިޔަކަށް އައްޔަންކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީ ފާތިމަތު ދިޔާނާ އެވެ.
ދިޔާނާ މިއަދު ކަސްޓަމްސްގެ ވެރިޔަކަށް އައްޔަންކުރުމާ ހަމައަށް ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސްގެ މަގާމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ކަސްޓަމްސްގެ ވެރިޔަކަށް ދިޔާނާ އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވާފަ އެވެ.
މާނިއު މަގާމުން ވަކިކުރެއްވި ވަކި ސަބަބެއް ރައީސް އޮފީހުން ނުބުނެ އެވެ. މާނިއު މިހާރު ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފަ އެވެ.