ހަބަރު

އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

  • ގަރާރަށް ތާއިދުކުރީ 22 މެންބަރުން
  • ފާސްވުމަށް ބޭނުންވަނީ 31 ވޯޓް
  • ގަރާރާ ދެކޮޅަށް 39 މެންބަރުން ވޯޓް ދެއްވި

އެމްއެމްޕީއާރްސީގެ ތެރެއިން ހިނގާފައިވާ ހިޔާނާތުގެ މައްސަލަ، ރައްޔިތުން މަޖިލީހުގެ ތެރެއިން މިނިވަން ތަހުގީގެއް ކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.

މި ގަރާރު ފާސްވުމަށް 31 މެމްބަރުންގެ ވޯޓު ބޭނުންވާއިރު އެ ގަރާރަށް ތާއީދު ކުރެއްވީ 22 މެމްބަރުންނެވެ. އަދި އެ ގަރާރު ބޭރުކޮށްލުމަށް 39 މެމްބަރުން ވޯޓުދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުންނުވާ އެއް މެމްބަރަކު އިންނެވި އެވެ. އެހެން ކަމުން އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން ހުށަހެޅި މި ގަރާރު ވަނީ ބާތިލުވެފަ އެވެ.

ރޮޒެއިނާ ހުށަހެޅި މި ގަރާރުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ 1.22 ބިލިއަން ރުފިޔާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާއިރު އޭގެން 70.17 މިލިއަން ރުފިޔާއަކީ އެސްއޯއެފް ޕްރައިވެޓް ލިމިޓަޑް ހޯދަން ޖެހޭ ފައިސާކަމަށް އޮޑިޓު ރިޕޯޓުން ދައްކާ ކަމަށެވެ. ނަމަވެސް އެކުންފުނިން ނެރުނު ނޫސް ބަޔާނުގައި ފުރިހަމަ އޮޑިޓެއްކޮށްފައި ނުވާ ކަމަށާއި އެފައިސާ ހަވާލުކޮށްފައި ވަނީ ރައިސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ޕީޕީއެމްގެ އިސްފަރާތްތަކަށް ކަމަށް އެ ބަޔާނުގައި ތުހުމަތު ކުރައްވާފައިވާ ކަމަށެވެ.

އެހެން ކަމުން މިމައްސަލައަކީ ދެފުށް ފެންނަ ރައްޔިތުންނަށް އިތުބާރު ކުރެވޭ ފެންވަރުގެ ތަހުގީގެއްކޮށް، މި ފައިސާ ލިބުނީ ކޮންފަރާތްތަކަށް ކަން އެނގެން ޖެހޭ ކަމަށާއި އެގޮތުން މިމައްސަލަ މަޖިލީހުގެ ފަރާތުން މިނިވަން ތަހުގީގެއް ކުރުމަށް ހުށަހަލާ ގަރާރެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

މި ގަރާރަށް ބަހުސް ކުރުމަށް ކަނޑައެޅީ ދޮޅުގަޑިއިރުގެ ވަގުތެކެވެ. އެވަގުތު ތެރޭގައި މަޖިލީހުގެ ތަޅުމުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަށް އެމްޑީޕީ އަދި ޕީޕީއެމް ދެމެދުގައި ހޫނު ބަހުސްތަކެއް ހިނގިއެވެ. އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަމުން ދިޔައީ މިމައްސަލަ މަޖިލީހުގެ ތެރޭގައި ތަހުގީގު ކުރެވޭ އިރު ހުރިހާ ޕާޓީއެއްގެ މެމްބަރުން އެއްވަރަކަށް ހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވައިލާ، ހުރިހާ ބައްދަލުވުމެއް ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަ ބައްދަލު ވުންތަކަކަށްވާން ޖެހޭނެ ކަމަށާއި އެގޮތަށް ކުރެވޭ ތަހުގީގެއްގެ ތެރެއިން ދައުލަތުން ގެއްލުނު ފައިސާ ބޭނުން ކުރި ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ޕީޕީއެމް މެމްބަރުންވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ކުއްވެރިކޮށް އެކަމަށް ބަހުސް ކުރުމަށް ތައްޔާރަށް ހުރި ކަމަށް ވިދާޅުވި ނަމަވެސް މިފަދަ ބޮޑެތި މައްސަލަ މަޖިލީހުގެ ތެރެއިން ތަހުގީގު ނުކުރެވޭނެ ކަމަށް ގިނަ މެމްބަރުން ވިދާޅުވި އެވެ.

ރޮޒެއިނާ ހުށަހެޅި ގަރާރު ބޭރުކޮށްލާފައިވާއިރު، ސަރުކާރުގެ އިސްވެރިން ބައިވެރިވެގެން 1.5 ބިލިއަން ޑޮލަރުގެ މަނީލޯން ލޯންޑްރިންގެ އަމަލު ހިންގާފައިވާ ކަމަށް ބުނެ ދާދި ފަހުން އެމްޑީޕީ އިން ހުށަހެޅި ކުއްލި މައްސަލަ ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.