ދުނިޔެ

އަހަރެމެން ފޭލިވެއްޖެ: އެމެރިކާގެ ސީކްރެޓް ސާވިސް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދެވުނީ އެމެރިކާގެ ސީކްރެޓް ސާވިސްއަށް ގައުމީ ޒިންމާ އަދާނުކުރެވުމުގެ ސަބަބުން ކަމަށް ސީކްރެޓް ސާވިސްގެ ޑައިޑެކްޓަރު ކިމްބަލީ ޗީޓްލް ވިދާޅުވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ބަޔާން ނެގުމުގެ މަރުހަލާއެއްގައި ކިމްބަލީ ވިދާޅުވީ އެ ހާދީސާގައި ވަކި މީހަކު ކުށްވެރިވާ ކަމަށް އަދި ވަކި މީހަކު ޒިންމާ ނަގަން ޖެހޭނެ ކަމަށް އަދި ނުނިންމާ ކަމަށެވެ.

ކިމްބަލީ ވިދާޅުވީ ސީކްރެޓް ސާވިސްއަށް އެފަދަ ގޮންޖެހުމެއް މިއިން ޒަމާނަކުވެސް ދިމާވެފައި ނެތް ކަމަށެެވެ.

ޑޮނަލްޑް ޓަރްމްޕަށް މީހަކު ބަޑިން ހަމަލާދިނީ އަންނަ ނޮވެމްބަރު ފަހެއްގައި އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ޕެންސިލްވޭނިއާގައި އޮތް އެއްވުމެއްގައި ވާހަކަދައްކަވަނިކޮށެވެ.

އެމެރިކާގެ ރައީސްކަން އެއްދަރު އަދާކުރެއްވި ޑޮނަލްޑް ޓްރަމްޕު މި ފަހަރު ކެމްޕޭން ކުރައްވަނީ ރައީސް ކަމުގެ ދެވަނަ ދައުރަކަށެވެ.

ސީކްރެޓް ސާވިސް އިން ގާނޫނު ހަދާ މަޖިލީހަށް ދިން ބަޔާނުގައި ޑައިރެކްޓަރު ވިދާޅުވީ އެ ހިދުމަތުގެ ހުރިހާވެސް އަމާޒަކީ ލީޑަރުންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އެހެންކަމުން އެ ބޭފުޅުން ވަޑައިގަންނަވާ ހުރިހާ ތަނަކީ ސަލާމަތީ ގޮތުން ރައްކާތެރި ތަންތަންތޯ ބަލަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކިމްބަލީ ވިދާޅުވީ ހާދިސާގެ ހުރިހާ ޒިންމާއެއް އޭނާ ނަންގަވާ ކަމަށެވެ. އަދި ހާދިސާއާ ގުޅުން ހުރި ހުރިހާ ކަމެއް ތަހުގީގުކުރުމަށް ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ޓްރަމްޕަށް ދިން ހަމަލާއާ ގުޅިގެން ސީކްރެޓް ސާވިސްގެ ވެރިން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ބުނެ ގާނޫނު ހަދާ މަޖިލީހުގައި ރިޕަބްލިކަން މެމްބަރުން ދަނީ ބަހުސްކުރައްވަމުންނެވެ. ޑިމޮކްރެޓިކް މެމްބަރުން ވެސް ވަނީ މިކަމުގައި ހުރި ކަންބޮޑުވުންތަކާ މެދު ވާހަކަދައްކަވާފަ އެވެ.

އެމެރިކާގެ މަސްއޫލު އިދާރާތަކުން ބުނާ ގޮތުން ސީކްރެޓް ސާވިސް ފޭލިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެންކަމުން މި ހާދިސާ ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް ބަލައި ޒިންމާވާ މީހުންގެ ބަޔާން ނެގުމަށް ވެސް ވަނީ ގޮވާލާފަ އެވެ.