ހަބަރު

ސަރުކާރު ހިއްސާވާ އަށް ކުންފުންޏެއް އުވާލަނީ

ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ އަށް ކުންފުންޏެއް އުވާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނިންމައި އެ ކުންފުނިތައް މިއަދު އިއުލާނު ކޮށްފި އެވެ.

އުވާލަން ނިންމާފައިވާ އަށް ކުންފުނި އާންމުކޮށް އިއުލާނުކޮށް އެ ބޯޑުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، އެ އަށް ކުންފުނިތައް އުވާލަން ނިންމީ އެ ކުންފުނިތައް އުވާލުމަށް ސަރުކާރާއި، އަދި އެ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ ކަމަށެވެ. އެކަން ކުރަނީ ކުންފުންޏާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކުންފުނިތައް އުވާލުމުގައި ލިކުއިޑޭޓަރެއްގެ ގޮތުގައި އެމަސައްކަތް ކުރެއްވުމަށް އެކްރޫޕްލަސް އެލް.އެލް.ޕީ އާއި ހަވާލުކޮށްގެން ކަމަށެވެ.

އުވާލަން ނިންމާފައިވާ ކުންފުނިތައް

  • މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީ ލިމިޓެޑް
  • މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑް
  • ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް
  • ނޯދަން ޔުޓިލިޓީޒް ލިމިޓެޑް
  • ސައުތު ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑް
  • ސަދަން ޔުޓިލިޓީޒް ލިމިޓެޑް
  • އަޕަ ނޯތު ޔުޓިލޓީޒް ލިމިޓެޑް
  • އަޕަ ސައުތު ޔުޓިލިޓީޒް ލިމިޓެޑް

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ އެ ކުންފުނިތަކުން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ފައިސާއެއް ވާނަމަ، އަދި އެހެން ފަރާތަކުން އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާއެއް އޮތްނަމަ އެކަން އަންނަ މަހުގެ ހަތަރެއްގެ ކުރިން އެކްރޫޕްލަސް އެލް.އެލް.ޕީއަށް އެންގުމަށެވެ.