އެޗްއާރްސީއެމް

އެޗްއާރްސީއެމްގެ މުވައްޒަފުންގެ މުސާރަ ކުޑަވެގެން ޝަކުވާކޮށްފި

އެޗްއާރްސީއެމްގެ މުވައްޒަފުންގެ މުސާރަ ކުޑަވެގެން އެ ކޮމިޝަންގެ މެންބަރުން ޝަކުވާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް މިއަދު ހާޒިރުވެ އެޗްއާރްސީއެމްގެ މަރިޔަމް މުނާ ވިދާޅުވީ އެ ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ ކުޑަކަމުން ތަނުގައި މުވައްޒަފުން ގެންގުޅުމަށާއި އަދި ފަންނީ މުވައްޒަފުން ހޯދުމަށްވެސް ދަތިވާ ކަމަށެވެ.

މުނާ ވިދާޅުވި ގޮތުގައި އެޗްއާރްސީއެމްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުލިބޭތާ 12 އަހަރު ވެއްޖެ އެވެ. އެކަމަކު އެޗްއާރްސީއެމް ފަދަ އެހެން މިނިވަން މުއައްސަސާތަކުގެ މުސާރަތައް އެ ކޮމިޝަންގެ މުސާރައަށް ވުރެ ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.

"މުސާރައިގެ އޮނިގަނޑު މިހާރު މިއޮތް ގޮތުން ކޮމިޝަންގައި ކޮންމެ ބަހައްޓަން ބޭނުންވާ ކުއްޖަކު މަޑުކުރުވަން ހިތްވަރު ދެވޭނެ ގޮތެއްވެސް ހަގީގަތުގައި ނެތް،" މުނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްއާރްސީއެމްގެ ވަޒީފާއަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރީގައި 100އާ ގާތްކުރާ އަދަދަށް މީހުން ކުރިމަތިލީ ނަމަވެސް މިހާރު ނިސްބަތުން ކުރިމަތިލަނީ މަދު އަދަދެއް ކަމަށެވެ. މުސާރަތަކުގެ އިތުރުން ޖާގައިގެ މައްސަލަވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.

އެޗްއާރްސީއެމް އިން މިއަދު ކޮމިޓީއާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެ ކޮމިޝަންގައި ޖުމްލަ 84 މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެޗްއާރްސީއެމްގެ އޮފީސް މިހާރު ހިންގަނީ މާފަންނު ސްޓާ ސިނަމާގެ ފްލޯއެއްގައެވެ. އެއީ ގާތްގަނޑަށް 6،000 އަކަފޫޓުގެ އޮފީސް ޖާގަ ކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

މުނާ ވިދާޅުވީ އޮފީހުގެ ޖާގަ ދަތިވުމާ ގުޅިގެން ބައެއް ހަރަކާތްތަކަށް ތަންތަން ކުއްޔަށް ހިފަން ޖެހުމުން އެއީވެސް މާލީ ބުރައެއް ކަމަށެވެ. އަދި ސްޓާ ސިނަމާގައި ފަންގަސް ހުރުމުން ބައެއް މުވައްޒަފުންނަށް ސިއްހީ ގޮތުން އުދަނގޫތަކެއް ކުރިމަތިވާ ކަމަށެވެ.