ހައިކޯޓް

ރައީސް މުއިއްޒުއަށް ސިހުރު ހެދި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅަކަށް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އޭނާގެ ކޮއްކޮ ބަންދު ކުރި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

ޝަމްނާޒް އަދި އޭނާގެ ކޮއްކޮ ބަންދު ކުރި މައްސަލަ ހައިކޯޓުން ބޭރުކޮށްލިއިރު، ޝަމްނާޒް އާއި އޭނާގެ ކޮއްކޮ، ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ބަންދުން ދޫކޮށްލި ނަމަވެސް އެ މައްސަލަ ފުލުހުން އަންނަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ.

ޝަމްނާޒްއާއި އޭނާގެ ކޮއްކޮގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައިވަނީ ޝަމްނާޒްގެ ފަރާތުން އެކަށީގެންވާ ގާނޫނީ ނުކުތާއެއް އެ މައްސަލައިގައި އިސްތިއުނާފުކޮށްފައި ނުވާތީ އެކަމަށް ރިއާޔަތްކޮށްފަ އެވެ.

އެ މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ބޭރުކޮށްލި ނަމަވެސް އެ މައްސަލަ އަދި ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ޝަމްނާޒްއަށް އޮންނާނެ އެވެ.

ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒާއި އޭނާގެ ކޮށްކޮ ހައްޔަރުކުރީ މިދިޔަ ޖޫން 23 ވަނަ ދުވަހު އެވެ.

ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ރައީސް މުއިއްޒުގެ އެންމެ އަރިސް ދެބޭފުޅުންނެވެ. ނަމަވެސް ރަމީޒުއާއި ޝަމްނާޒުއާ ދެބޭފުޅުންވެސް މިވަގުތު ތިއްބެވީ މަގާމުން ސަސްޕެންޑް ކުރައްވާފަ އެވެ.