އިބްރާހީމް ވަހީދު (އަސްވާޑު)

ނެޝަނަލް އާޓް ކަލެކްޝަން ފަތުރުވެރިންނަށް ހުޅުވާލަނީ

ފަތުރުވެރިންނަށްޓަކައި ނެޝަނަލް އާޓް ކަލެކްޝަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީން އިންތިޒާމްކޮށްގެން ބޭއްވި އަންވެއިލިން ވިޝަންސް މައުރަޒު ބައްލަވާލެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ ނެޝަނަލް އާޓް ގެލެރީގައި އެގްޒިބިޝަނެއް ކުރިއަށް ނުދާނަމަ އެ ތަނުގައި ކަމެއް ނޯންނަ ކަމަށެވެ.

"ފަތުރުވެރިންގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިތަނަށް ޒިޔާރަތް ކުރޭ. އެހެންނަމަވެސް މި ތަން ތަޅުލާފައި ހުރުމުގެ ސަބަބުން ގިނަ ފަހަރަށް ފަތުރުވެރިން މި އަރަނީ މައްޗަށް. ނެޝަނަލް ލައިބްރަރީއަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އިބްރާހީމް ވަހީދު ވިދާޅުވީ އާޓް އެގްޒިބިޝަން ފަދަ ހަރަކާތްތަކާ ގުޅޭގޮތުންވެސް ފަތުރުވެރިން ޝައުގުވެރިކަމާ އެކު ސުވާލުތައް ކުރާ ކަމަށެވެ. އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ނެޝަނަލް އާޓް ކަލެކްޝަން ވަރަށް އަވަހަށް ފަތުރުވެރިންނަށް ހުޅުވާލާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އާޓިސްޓުންގެ ހުނަރު ކުރިއެރުވުމަށް ފުރިހަމައަށް އެއްބާރުލުން ދެއްވާ، ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތަށް އާޓިސްޓުންނާ ގުޅޭ މަސައްކަތްތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ދާދި ފަހުން ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ. އެގޮތުން އާޓިސްޓުންގެ އުފެއްދުންތައް ބައިނަލްއަގްވާމީ މާކެޓްގައި ވިއްކޭނެ މަގުތައް ހޯދައިދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.