މަހިބަދޫ

މާފަރުފަޅު ތަރައްގީކުރާނީ މަހިބަދޫ ރައްޔިތުން އެދޭ ގޮތަށް: ރައީސް

އދ. މަހިބަދޫގެ އިހްތިސާސްގައި ހިމަނާފައިވާ މާފަރުފަޅު ހިއްކައި ތަރައްގީކުރުމުގެ ކޮންސެޕްޓް ފަރުމާ ކުރާނީ މަހިބަދޫ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަހިބަދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މަހިބަދޫގެ ތަރައްގީއަށްޓަކައި މާފަރުފަޅަކީ މުހިއްމު ތަނެއް ކަމަށްވާތީ އެ ރަށުގެ އިހްތިސާސްގެ ތެރޭގައި އެ ފަޅު ހިމަނުއްވާ އެ ތަން ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މާފަރުފަޅު ތަރައްގީ ކުރާނެ ގޮތުގެ ކޮންސެޕްޓް އަންނަ އަހަރުގެ ތެރޭގައި ފައިނަލް ކުރުމަށްފަހު އެ ފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ކުރަންވީ ކަންކަން ތަރުތީބުން ކުރަމުން ގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މާފަރުފަޅުގެ މަޝްރޫއާއެކު ރައްޔިތުންގެ ގެދޮރުވެރިކަމާއި އިގްތިސޯދީ މަސައްކަތްތައް ހިނގައިގަނެ އަދި އެ ސަރަހައްދަަށްވެސް ފައިދާވާނެ،" ރައީސް ވިދާޅުވި އެވެ.

މިޖަލްސާގައި ވަނީ މަހިބަދޫގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށްވެސް އިއުލާންކުރައްވާފަ އެވެ. އަންނަ އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރުވެސް ރަށުން ލިބެން އޮތް ބިމުގައި ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.

މާލެއާ އެއް ފެންވަރުގެ ހިދުމަތްތައް ލިބޭ ގޮތަށް ތަރައްގީކުރަން ނިންމާފައިވާ ހަތް އާބަން ސެންޓަރުގެ ތެރޭގައި މަހިބަދޫ ހިމެނެ އެވެ.

މަހިބަދޫގައި އަންނަ އަހަރު ކުރާނެ މަސައްކަތްތައް

  • 100 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުން
  • ހޭންޑް ބޯލް ކޯޓެއް އެޅުން
  • ޒުވާނުންގެ މަރުކަޒު ތަރައްގީކުރުން
  • ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުން
  • ހޮސްޕިޓަލްގައި ޖާގަ އިތުރުކޮށް ތަރައްގީކުރުން

ރައީސް ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި މަހިބަދޫ ތަރައްޤީކުރުމުން އެކަމުގެ ފައިދާ އެ ރަށުގެ ރައްޔިތުންގެ އިތުރުން މުޅި އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

"މާފަރުފަޅަކީ ހަގީގީ އާބަން ސެންޓަރުގެ މާނައިގައި ތަރައްގީވެގެންދާ ތަނެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަހިބަދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ އުމްރާނީ ތަރައްގީގެ އިތުރުން، މާނަވީ ތަރައްގީ ގެނެސްދިނުމަށް ކުރިއަށް އޮތް ހަތަރު އަހަރު، މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ހަތަރު އަހަރުގެ ތެރޭގައި މަހިބަދޫ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ބައްޓަންކުރުން ކަމުގައިވެސް ވިދާޅުވި އެވެ.