ރިޕޯޓް

"ބަބުރު ކާފަރު" ގެ ފަހުން ފިލާވަޅެއް!

ކަމްބާބެޗް އަކީ ކާކުކަން ނޭނގޭ ނަމަ އޭނާގެ ކުރު ތައާރަފަކުން ފަށައިގަންނަމާ ހިނގާށެވެ. ބެނެޑިކްޓް ކަމްބާބެޗް އަކީ އިނގިރޭސި ސިނަމާގެ މިއަދުގެ އެންމެ މަޝްހޫރު އެކްޓަރެވެ. އޭނާ އަކީ އަންހެން ކުދިންގެ ހިތް ފަތަހަކޮށް އެވޯޑް ހަފުލާތައް ވެސް ފަތަހަކުރަމުން އަންނަ "ކާފަރު އެކްޓަރެކެވެ."

ދެން މިހެން ދެންނެވީމަ ކަމްބާބެޗްގެ ފޭނުން އަޅުގަނޑުގެ ކަރުގައި "ރޭސިސްޓެއް" ގެ ބޯޑު އަޅުވައިގެން ގަން ހިންގާނީކީއެއް ނޫނެވެ.

ކޮންމެއަކަސް ދެން މި އޮތީ އަދި އެއަށް ވުރެ ވެސް ޝައުގުވެރި ވާހަކަ އެކެވެ.

މިދިޔަ ހަފުތާގައި "ރޭސިސްޓް"އެކޭ ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އަޅުގަނޑުމެންގެ މަޝްހޫރު ޝައިހް، ޝަމީމް އަށެވެ. އިއްޔެގެ ޚަބަރުތައް ހާވާލިއިރު ބޭރު ދުނިޔޭގައި "ރޭސިސްޓަކަށް" ވެގެން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނީ ކަމްބާބެޗަށެވެ.

އޭނާ އަށް ފާޑުކިޔުން އަމާޒުވާން ޖެހުނު ސަބަބު ހޯދައި ބެލިއިރު މި ވާހަކަ ދެން ގުޅިގެން އަންނަނީ އަޅުގަނޑުމެންގެ ޝައިހްއާ އެވެ.

ޝައިޚަށް ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، އިހަކަށް ދުވަހު ރާއްޖޭގައި ޝޯ ދިން އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން "ކާފަރު ބަރުރެއް" ގެ ގޮތުގައި ސިފަކުރެއްވުމުންނެވެ. އެ ވާހަކަ އަޑުއެހި އެންމެން ވެސް ބުނީ "ތިޔަ ހެނެއް ނުކިޔޭނެ" ކަމަށެވެ. ޝައިހް އަށް ތާއީދުކުރާ އަދި އޭނާ ދެއްވި ދަރުސްގެ އެހެން ހުރިހާ ވާހަކަތަކަށް ވެސް "އޭ ޕްލަސްއެއް" ދިން ފަރާތްތަކުން ވެސް ވަނީ "ކާފަރު ބަބުރެއް" ގެ ގޮތުގައި އޭކަން ސިފަކުރެއްވި ސިފަކުރުމަށް ފާޑުކިޔައިފަ އެވެ.

ކަމްބާބެޗަށް ވެސް ދިމާވީ ހަމަ މިފަދަ ގޮތެކެވެ.

މައްސަލަ ހޫނުވެ، ކަމްބާބެޗަށް ފާޑުކިޔުން އޮހިގަތް ހިސާބަކީ، އެމެރިކާގެ ޕީބީއެސްގެ ޓޯކް ޝޯ، ޓޭވިސް ސްމައިލީގައި ވާހަކަ ދައްކަމުން ގޮސް "ކަލާރޑް އެކްޓާސް" އޭ ބުނި ހިސާބެވެ.

މި ދެ މައްސަލަ އަށް ވެސް ބަލާއިރު އަޅުގަނޑުމެންގެ ޝައިޚް އާއި އޮސްކާ އެވޯޑަށް މި އަހަރު ވާދަކުރާ ކަމްބާބެޗް ވެސް ދެއްކި ވާހަކަ އެއްގޮތަކަށް ވެސް ގޯހެއް ނޫނެވެ. ނުބައި ތަނެއްގައި، ނުބައި ވަގުތަކު، ނުބައި ބަހެއް ބޭނުން ކުރެވުނީ އެވެ.

ޝަމީމް ވިދާޅުވީ މިހެންނެވެ.

"ކާފަރު ބަބުރެއް ގައުމަށް އެރުވީމާ އޭނަ ބަލަންވެގެން އެތަނަށް ޖަމާވި މީސްތަކުން ރޭގަނޑު ނުވައެއް ޖަހާއިރު ފެށޭ ޝޯއަކަށް އަޞުރުފަހުން ފެށިގެން ކިއު ހަދާފައި. ކުޑަކުދިންތައް ވެސް ގޮވައިގެން ބައެއް މީހުން އަނެއްބައި މީހުން އާއިލާއާ އަނބިދަރިން ދޫކޮށްލާފައި. މަޣުރިބު ނަމާދު ދިޔައީ، އިޝާ ނަމާދު ދިޔައީ. ހުރިހާ ނަމާދެއް އަޅާފައި ގޮސް އެ ޝޯގައި ބައިވެރިވާންވެގެން. އަޅުގަނޑުމެންގެ ތެރެއިން އެތަނަށް ދިޔަ އެންމެހާ މުސްލިމުންނަށް ވެސް އެނގޭ އެމީހާއަކީ އަދި ކާފަރުންގެ ތެރިއިންވެސް އާންމު އާދައިގެ ފަރުދެއް ނޫން. ހުރިހާ ފާހިޝް ކަންތައްތަކާއި މުންކަރާތްތަކުގެ ބަފައެއް."

ޝައިޚް ބޭނުންފުޅުވި ވާހަކަ ވިދާޅުވެފައި މި އޮތީ ވަރަށް ހުތުރު އަދި ހަރުކަށި އިބާރާތްތަކެއް ބޭނުންކުރައްވައިގެންނެވެ.

ދެން މި އޮތީ ކަމްބާބެޗް ދެއްކި ވާހަކަ އެވެ. އޭނާ ދެއްކި ވާހަކަ އެންމެ ރަނގަޅުވާނީ އިނގިރޭސިން ގެނެސްދިނިއްޔާ އެވެ.

I think as far as colored actors go, it gets really different in the U.K., and a lot of my friends have had more opportunities here [in the U.S.] than in the U.K., and that’s something that needs to change

ކަމްބާބެޗް މި މޭރުމުން ވާހަކަ ދެއްކީ ވަރަށް މުހިންމު ވާހަކަ އަކަށް އަލި އަޅުވަމުންނެވެ. އިނގިރޭސި ވިލާތުގެ ސިނަމާގައި އޮތް ނަސްލީތަފާތުކުރުމުގެ މައްސަލަ އެވެ. ހަމުގައި ވަކި ކުލައެއް ހުންނަ އެކްޓަރުންނަށް އިނގިރޭސި ވިލާތުގައި ނުލިބޭ ފުރުސަތު އެމެރިކާގެ ސިނަމާގައި ލިބޭ ވާހަކަ އެވެ. އިނގިރޭސި ސިނަމާގައި އޮތް ތަފާތުކުރުމުގެ މައްސަލަ އަށް ހައްލެއް ބޭނުންވާ ވާހަކަ އެވެ. 

ނަމަވެސް މި މައްސަލަ އަށް އަލިއެޅުވުމަށް އޭނާ ބޭނުންކުރި މައްސަލައިން އިތުރު މައްސަލައެއް އުފެދި ކެކިގެން ދިޔައީ އެވެ. އެއީ ކަޅު ނަސްލުގެ އެކްޓަރުންނަށް ނިސްބަތްކޮށް "ކަލާރޑް އެކްޓާސް" އޭ ބުނީމަ އެވެ.

މިހާ ހިސާބުން ބައެއް މީހުން ބުނެފާނެތެވެ. ޝައިޚްއާ ޖައްސާލައިގެން ތިޔަ އުޅެނީ މި މައްސަލައާ ޝައިޚްއާ ކޮން ގުޅުމެއް އޮތީމަ ހެއްޔެވެ؟

ކޮންމެއަކަސް އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ވަރަށް ވެސް އެއްގޮތް މައްސަލަ އެކެވެ.

ޝައިޚް ވެސް އަދި ކަމްބާބެޗް ވެސް "ކަޅު ނަސްލު" ގެ ބަޔަކު ނުވަތަ މީހަކު ސިފަކޮށްދިނީ އެވެ.

އެހެންވީމަ އެކަން މައްސަލައަކަށް ވަނީ ކީއްވެ ހެއްޔެވެ؟ މި ސުވާލަށާއި ޝަމީމްގެ މައްސަލަ އަށް ވެސް އެންމެ ފުރިހަމަ ޖަވާބެއް ދީފައި ވަނީ އެންޓި-ރޭސިޒަމް ޗެރިޓީއެއް ކަމުގައިވާ ޝޯ ރޭސިޒަމް ދަ ރެޑް ކާޑް އިންނެވެ.

"އޭނާ ދެއްކި ވާހަކަ އަކީ ނަސްލީތަފާތުކުރުމުގެ ވަރަށް މުހިންމު މައްސަލައަކަށް އަލި އެޅުވި ވާހަކައެއް. އަދި ބަހަށް އައިސްފައިވާ ބަދަލުތަކާއި އެކަށީގެންވާ ގޮތުގައި ބަސް ބޭނުންކުރުމުގެ މައްސަލަ ވެސް ވަރަށް ބޮޑަށް ފާހަގަކޮށްދިން ކަމެއް،" ދަ އިންޑިޕެންޑެންޓަށް ދިން އިންޓަވިއުއެއްގައި މި ޗެރިޓީގެ ވެރިން ބުނެފައި ވަނީ މިހެންނެވެ.

"ކަލާރޑް، އެ ބަހަކީ މިހާރުގެ ޒަމާނަށް އޮއްސި އެ ބަހުގެ ސަބަބުން މި ޒަމާނުގައި މައްސަލައެއް އުފެދި ބަޔަކަށް އަސަރުކޮށްފާނެ ބަހެއް."

"ކަލާރޑް" މި ބަހަށް ޒަމާނުގެ ތަރި އޮއްސިފައިވާއިރު އޭކަން ސިފަކުރެއްވުމަށް ޝައިޚް ބޭނުންކުރެއްވި "ބަބުރު" އަކީ ވެސް ދިވެހިންގެ ވަރަށް މުސްކުޅި ބަހެކެވެ. އެކަމަށް ޚުދު ޝައިހް ޝަމީމް ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ކަޅު މީހުން ސިފަކުރުމަށް ދިވެހި ބަހުގައި ބޭނުންކުރޭ ބަބުރު، މި ބަސް. އެކަމަކު މި ޒަމާނުގައި މި ބަސް ބޭނުންކުރާ ގޮތް މަދުވެދާނެ"

މަދުވެދާނެއެއް ނޫނެވެ. ވަރަށް ވެސް މަދެވެ. ތަހުޒީބާ ދިމާލަށް އަޅުގަނޑުމެން އެންމެން މިސްރާބު ޖަހާފައިވާއިރު، މި ފެންވަރުގެ ދަށު ދަރަޖައިގެ ނުވަތަ ދެން ހުންނަ މީހާގެ އަބުރަށް ހުތުރުވާ ފެންވަރުގެ ބަސްތައް ވަރަށް ގިނަ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

އެހެންވީމަ ކަޅު ނަސްލުގެ މީހާ ސިފަކުރުމަށް މިހާރަކު "ބަބުރެކޭ" ނުބުނާނެ އެވެ. މިހާރު ބުނާނީ "ކަޅު ނަސްލުގެ މީހެކޭ" މިހެންނެވެ.

މިސާލަކަށް "ކަލާރޑް އެކްޓާސް" އޭ މީހަކު ބުނީ ނުވަތަ "އޭކަން އަކީ ބަބުރެކޭ" މީހަކު ވިދާޅުވީ 80ގެ އަހަރުތަކުގައި ކަމަށްވާ ނަމަ އެކަން ބަޔަށް މައްސަލައަކަށް ނުވެދާނެ އެވެ.

މިއީ އިންސާނީ ހައްގުގައި، ނަސްލީތަފާތުކުރުމާ ދެކޮޅަށް ނުކުމެ ދުނިޔެ އެކަތިގަނޑަކަށް ވެފައިވާ ޒަމާނެވެ. ނޭނގި ނަމަވެސް، ބަޔަކު ދެރަކޮށްލެވޭ ފަދަ ގޮތަކަށް އަދި ނަސްލީގޮތުން މީހަކާ ނުވަތަ ބަޔަކާ ދިމާކުރެވޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ކަމްބާބެޗް ފާޅުގައި މައާފަށް އެދުނީ ވެސް މި ސަބަބާ ހެދި އެވެ.

"ކަލާރޑް އެކްޓާސް" އޭ ބުނެވުނު މައްސަލަ ހޫނުވެ ފާޑުކިޔުން އަމާޒުވުމުން ކަމްބާބެޗް ބުނެފައި ވަނީ ވާހަކަ އެ ގޮތަށް ދެއްކުނީތީ ވަރަށް ވެސް ހިތާމަކުރާ ކަމަށެވެ.

"އަހަރެންގެ ކިބައިގައި ހުރި ގަމާރުކަން މިހާރު އިހްސާސްކުރެވިއްޖެ. އަޅުގަނޑުގެ ވާހަކައިން ދެރަ ލިބުނު ފަރާތްތަކުގެ ކިބައިން މައާފަށް އެދެން. އަދި އާންމުންނާ މުހާތަބުކޮށް ވާހަކަ ދައްކާއިރު މިފަދަ ކަންކަން ރަނގަޅުކުރުމަށް މި ލިބުނު ފިލާވަޅު ދަސްކުރާނަން،" ޕީޕަލް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ކަމްބާބެޗް ބުނެފައި ވަނީ މިހެންނެވެ.