ކުމުންދޫ

ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްފި

ހދ. ކުމުންދޫގައި އެމްޑަބްލިއުއެސްސީ އިން ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަންކޮށްފި އެވެ. ހ

ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން ކުމުންދޫއަށް ގޮސްގެންނެވެ.

މިމަޝްރޫއުގެ ދަށުން ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރަންޖެހޭ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައި ދީފަ އެވެ.

މީގެ އިތުރުން ފެން ރައްކާ ކުރުމަށް ތާންގި ބަހައްޓައި، ބޯހޯލް ތޮރުފައި، ޕަންޕިން ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން ވެސް ވަނީ އަޅާފަ އެވެ.

މި މަޝްރޫއުގެ ދަށުން ފެން ތަހްލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

ކުމުންދޫގެ ފެނާއި ނަރުދަމާ މަޝްރޫއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މިމަޝްރޫއުގެ ޖުމްލަ އަގަކީ 102.17 މިލިއަން ދިވެހި ރުފިޔާ އެވެ. މިމަޝްރޫއުގެ ސަބަބުން ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.