އެމްޑަބްލިޔުއެސްސީން ހދ. ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އިފްތިތާހު ކޮށްފި އެވެ.
ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އިފްތިތާހުކޮށް ދެއްވީ ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހެވެ.
މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރަން ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުމުންދޫއަށް ގެންގޮސް ހޮޅިވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބަހައްޓާ އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
ކުމުންދޫގައި 14 ކިލޯ މީޓަގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމް ކުރާނެ އެވެ. އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގި ބަހައްޓާނެ އެވެ. މީގެ އިތުރުން، ގޭގޭގައި ފެން މީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދޭނެ އެވެ.
މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމާއެކު 2.4 ކިލޯ މީޓަގެ ޕަންޕިން ލައިން އަޅައި ފަސް ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލެއް ގާއިމްކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ ނރުދަމާގެ ހިދުމަތް ދޭނެ އެވެ.
ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މުއްދަތަކީ 22 މަސް ދުވަހެވެ. އަގަކީ 102 މިލިއަން ރުފިޔާ އެވެ.