ކޭއެފްސީ

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލީ އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން އުޅުނު މީހާ

މާލޭގެ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑެއް ގާބުރިއަކުން ޖަހާ ތަޅާލި ކަމަށް ތުހުމަތު ކުރެވިގެން މިދިޔަ ހަފްތާ ތެރޭ ހައްޔަރު ކުރި މީހާއަކީ، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތް ކުރި މީހާކަން އެނގިއްޖެ އެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު އެންމެ ފުރަތަމަ ތަޅާލީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގަ އެވެ. ދެވަނަ ފަހަރަށް އެތަނުގެ ބިއްލޫރިގަނޑު ތަޅާލީ މިމަހުގެ 20 ވަނަ ދުވަހުގެ ފަތިހު ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ސީވިންޑް، ފާތިހް ޝާކިރު އެވެ. އޭނާގެ އުމުރަކީ 48 އަހަރެވެ.

އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވާ ގެކޮޅަށް ވަންނަން މީގެ ތިން އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ކުރި މީހަކީވެސް ފާތިހު އެވެ. 2021 ވަނަ އަހަރުގެ ތެރޭގައި ހިނގި އެ ހާދިސާއާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.

ކޭއެފްސީއަށް ތަކުރާރުކޮށް ގެއްލުން ދޭން ފަށާފައި މިވަނީ އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ކޭއެފްސީގެ ކުރިމަތީގައި އެތައް ފަހަރު ބަޔަކު މުޒާހަރާކުރި ފަހުންނެވެ. މީގެކުރިން ކޭއެފްސީ ތެރެއަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވެސް ވެއެވެ.