ހަބަރު

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކުރަން ނައިބު ރައީސް ގޮވާލައްވައިފި

Feb 19, 2019

ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްގީ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަނޑިޔާރުން ކަމަށާއި، މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު އަދުލުއިންސާފު ގާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.

"ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ގެ ނަމުގައި މިއަދު ދަރުބާރުގޭގައި ފެށި ކޮންފަރެންސް ހުޅުއްވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ ޤާނޫނު އަސާސީން، ޖުޑިޝަރީގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓްކަމަށާއި، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރައްވައި، ފަނޑިޔާރުގެއަކީ އަދުލު އިންސާފު ނެގެހެއްޓުމުގައި ޤާބިލުކަމާއެކު، މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނެއްގެ ގޮތުގައި ބައްޓަންކުރަންޖެހޭ ފަރާތަކީ އެއީ ކަމުގަ އެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އަދުލުވެރިކަން ނެތް މުޖުތަމައެއްގައި ދުވަހަކުވެސް ހަމަޖެހުމެއް ގާއިމުވެގެން ނުދާނެކަމަށާއި، އިންސާފަކީ ވަކި މީހަކަށް ލިބޭ އެއްޗެއް ގޮތުގައި އޮތްހައި ހިނދަކު ގައުމެއްގައި ސުލްހަ މަސަލަސްކަން ގާއިމުވެގެން ނުދާނެ ކަމުގައި ފައިސަލް ވިދާޅުވި އެވެ.

"މިއިން ކޮންމެ ކަމަކުންވެސް، އަޅުގަނޑުމެންނަށް އެނގިގެންދަނީ ފަނޑިޔާރުންގެ މަސްއޫލިއްޔަތުގެ މަތިވެރިކަމާއި އަދުލުވެރިކަމުގެ މުހިންމުކަން،" ފައިސަލް ފާހަގަކުރެއްވި އެވެ.

މި ފަދަ ކޮންފަރެންސްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ނައިބު ރައީސް ވިދާޅުވީ، މިފަދަ މަސައްކަތްތަކަކީ ރާއްޖޭގެ މުޅި ނިޒާމު ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ކުރެވެމުންދާ ވަރަށްވެސް ބޮޑު، މުހިންމު މަސައްކަތެއްކަމަށާއި، މި ކޮންފަރަންސްގެ ތެރެއިން އެކަމަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.