އެމްޑީޕީ

އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ހިސާން އައްޔަންކުރަން ފާސްކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ ރައީސް ހިސާން ހުސައިން އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް އައްޔަންކުރުމުން އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ރުހުން ދީފި އެވެ.

އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވެނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ރުހުން ލިބިގެން ކަމަށްވާތީ އެމްޑީޕީގެ ނައިބް ރައީސް ކަމަށް ހިސާންއަށް ރުހުން ހޯދުމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އެވެ.

އެމްޑީޕީގެ ނައިބް ރައީސްގެ މަގާމު ހުސްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގައި އަންހެން ބޭފުޅުން މަދު ކަމަށް ފެންނާތީ ޕާޓީގެ ނައިބް ރައީސްގެ މަގާމަށް ހިސާނަކީ ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ. ހިސާނަކީ އެމްޑީޕީއަށް މެދުކެނޑުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާ އަދި މިއަދުވެސް ހިދުމަތުގައި ހުންނެވި ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.

ހިސާން އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ހަމައަށް ހުންނެވީ އެ މަގާމުގައެވެ. އޭނާ ވަނީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަންވެސް ހިސާން ކުރިން ކުރައްވާފައިވެ އެވެ.

އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ހިސާން އައްޔަންކުރަން ރުހުން ދިންއިރު ހިސާންގެ ފިރިކަލުންނަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންްޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް އެވެ.