މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ވެރިން މުދާ ބޭލުމުގައި ހަރަކާތްތެރިވެއްޖެ

މާލެ ވިޔަފާރި ބަނދަރުގައި މުދާ އުފުލުމުގެ މަސައްކަތުގައި މޯލްޑިވްސް ޕޯޓްސް އޮތީރިޓީ (އެމްޕީއެލް)ގެ އިސްވެރިން ބައިވެރިވެއްޖެ އެވެ.

މިއަދުގެ މި ހަރަކާތުގައި އެމްޕީއެލްގެ ސީއީއޯ އާއި ބޯޑު ބައެއް މެންބަރުން އެ ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ ވެރިން އަމަލީ ގޮތުން ބައިވެރިވި އެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އެމްޕީއެލްގެ މއި ވިޔަފާރި ބަނދަރަށް ބާލައި މުދާ ކްލިއާ ކުރުމުގެ މަސައްކަތުގައި އެ ކުންފުނީގެ އިސްވެރިން މިއަދު ބައިވެރިވީ މިމަސައްކަތުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް އަމިއްލައަށް ތަޖުރިބާކޮށް ދެނެގަތުމަށްޓަކައި ކަމަށެވެ. އަމިއްލަ ތަޖުރިބާއަށްފަހު ހިދުމަތް އަވަސްކުރުމަށް އަދި ފަސޭހަކޮށް ހިދުމަތް ފޯރުކޮށްދިނުމަށް ގެންނަންޖެހޭ ބަދަލުތައް އެނގިގެންދާނެ ކަމަށްވެސް ވިދާާޅުވި އެވެ.

"މި މަސައްކަތް ހިނގާ ގޮތް ތަޖުރިބާތައް އަންގައި ދިނުމަކީ މެނޭޖްމެންޓުން ކުރާނެ ކަމެއް،" ވަޖީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައެއް ހާލަތްތަކުގައި ބަނދަރުން މުދާ ނެރެން ބަލާއިރު އެ މަސައްކަތުގައި ސީދާ ޝާމިލްވާ މީހުން ވަރަށް މަދު ދުވަސްތައްވެސް ދިމާވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އެގޮތަށް މީހުން މަދުވާ ވަގުތުތަކުގައިވެސް އެމްޕީއެލްގެ އެކި ޑިޕާޓްމަންޓުން މުވައްޒަފުން ނެރެ މުދާ ކްލިއާ ކުރާ ގޮތުގެ ތަޖުރިބާކުރަންޖެހޭ ގޮތް ހަދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޕީއެލްގެ ހުރިހާ މުވައްޒަފުންވެސް މުދާ ކްލިއާ ކުރާ ގޮތުގެ ތަޖުރިބާ ހޯދަންޖެހޭނެ ކަމަށާއި ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ކުރެވޭނެ ކަމުގައިވެސް ވަޖީހު ވިދާޅުވި އެވެ.