އެޗްއާރްސީއެމް

މުޒާހަރާކުރި ބަންގްލަދޭޝް މީހުން ޑިޕޯޓްކުރާތީ ޖަމިއްޔާތަކުން ކަންބޮޑުވެއްޖެ

ސިވިލް ސާވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާތަަކަށް ހިތްވަރު ދިނުމުގެ ގޮތުން ގދ. ތިނަދޫގައި މުޒާހަރާކުރި ބަންގްލަދޭޝް މީހުން ޑިޕޯޓްކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީ) އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމް އިން ބުނީ ބިދޭސީން ހިމެނޭހެން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ ރާއްޖެއިން ސޮއިކޮށްފައިވާ އިންޓަނޭޝަނަލް ކޮންވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ 21 ވަނަ މާއްދާގެ ދަށުން ހުރިހާ ފަރާތްތަކަކަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އެއީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުންވެސް ލިބިގެންވާ ހައްގެއް ކަމަށްވެސް އެޗްއާރްސީއެމުން ބުންޏެވެ.

ތިނަދޫގައި މިދިޔަ ހުކުރު ދުވަހު ކުރި މި މުޒާހަރާގައި ތިނަދޫގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަންގްލަދޭޝްގެ މީހުން ބައިވެރިވި އެވެ.

ބީދޭސީން ޑީޕޯޓްކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތްތެރިންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއަޅައި، ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާއި ހިލާފުނުވާހާ ހިނދަކު ރާއްޖޭގައި ތިބި ބިދޭސީން ހައްޔަރުކޮށް ވަޒީފާއިން އަނބުރާ ފޮނުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ޓްރާންސްޕޭރެންސީން، ސަރުކާރަށް ގޮވާލީ ބިދޭސީން އަނބުރާ ފޮނުވާލަން ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށެވެ.