ބިދޭސީން

ބިދޭސީއަކަށް ވުމުން ރަހުމެއް ނެތް!

Oct 1, 2019
4

ރާއްޖޭގައި ބިދޭސީންނާ އަމަލު ކުރަމުންދާ ގޮތް އެއީ އެނގޭ ކަމެކެވެ. އެކަމަކު އިއްޔެ އާންމުވި ވީޑިއޯއަކާއެކު، ބިދޭސީންނާމެދު ރާއްޖޭގައި ބައެއް މީހުން އަމަލު ކުރާ ރަހުމުކުޑަ ގޮތުގެ ވާހަކަ އަނެއްކާވެސް މިވަނީ ފެންމަތިވެފަ އެވެ.

ސައިކަލެއް މަތީ އިށީނދެލައިގެން އިން ޒުވާން ބިދޭސީއެއްގެ މުޅި ގަޔަށް ފެން ބާލިދީއެއް ޖެހީ ދިވެއްސެކެވެ. އޭނާ އެކަން ކުރީ ކުރިޔާލާ ރާވައިގެން ވީޑިއޯ ވެސް ކުރަމުންނެވެ. ރަހުމު ކުރުމުގެ ކަންފުޅެއް ވެސް އޭނާގެ މޫނު މަތިން ފެންނާކަށް ނެތެވެ.

އެ ވީޑިއޯ އާންމުވުމާއެކު ގިނަ ބަޔަކު ދަނީ މިކަމާ ނުރުހުން ފާޅު ކުރަމުންނެވެ. އެމީހާގެ ސައިކަލް މަތީގައި އިށީނދެލައިގެން އިނުމަކީ ފެން ޖަހަންޖެހޭތޯ ސަބަބެއްތޯ ސުވާލު ކުރަމުންނެވެ. އޭނާގެ ސައިކަލް މަތިން ފައިބަން ބުނެލިނަމަ ކީއް ހެއްޔެވެ؟

ބިދޭސީ ޒުވާނާގެ ގަޔަށް ފެން ބާލިދީ ޖެހުމާއެކު އޭނާ ސައިކަލް މަތިން ތެދުވެ އެވެ. ބަދަލުގައި އެއްވެސް އެއްޗެއް ނުބުނެ އޭނާ ދުރަށް ދިޔައީ އެވެ. ވީޑިއޯއިން ފެންނަ ގޮތުން އޭނާގެ ފޯނަށް ވެސް ފެނުގެ އަސަރު ވަނީ ކޮށްފަ އެވެ.

ވީޑިއޯ އާންމުވުމާއެކު ސޯޝަލް މީޑިއާގައި އެ ބިދޭސީ މީހާ ހޯދަން ވެސް ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. އޭނާއަށް އެހީވާން އެކި މީހުން ދަނީ އިސް ނަގަމުންނެވެ. އޭނާއަށް ފޯނެއް ހަދިޔާ ކުރަން ވެސް ބަޔަކު ތިބީ ތައްޔާރަށެވެ. ދިވެއްސެއްގެ ރަހުމުކުޑަ އަމަލު ދިވެހީން ދަނީ ކުށްވެރިކުރަމުންނެވެ.

އަނެއްކޮޅުން ރާއްޖޭގައި ބިދޭސީންގެ އުނދަގޫ ބޮޑުވަމުންދާކަން ފާހަގަ ކުރަމުންނެވެ.