މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ކުރިއަށް އޮތް އޮގަސްޓް އެއްވަނަ ދުވަހު ހުޅުވާލާ ގޮތަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން ހަމަޖައްސައިފި އެވެ.
މި ފުރުސަތު ހުޅުވާލުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެންބަރު 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.
މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކަމާ ގުޅޭ ޕޯޓަލް މެދުވެރިކޮށްގެންނެވެ.
މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ގިންތިއަކުންނެވެ. މީގެތެރޭގައި ހިމެނޭ ގިންތިތަކަކީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ މީހުންނަށް އިނާމުދޭ ގިންތިއާއި، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ މީހުންނަށް އިނާމުދޭ ގިންތިއާއި، ރާއްޖެއަށް ދިމާވެފައިވާ މުހިއްމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ މީހުންނަށް އިނާމު ދިނުމުގެ ގިންތިއެވެ. އަދި ހުނަރުވެރި، ފަންނުވެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ މީހުންނަށް އިނާމު ދިނުމަށް ހިމަފާއިވާ ގިންތިއާއި، ފަންނުވެރި ޒުވާނުން ގައުމުގެ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ މީހުންނަށް އިނާމު ދިނުމުގެ ގިންތިވެސް ހިމެނެ އެވެ.
އިނާމަށް ނަން ހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަކޮށް ހުށަހެހެޅުމަށް ރައީސް އޮފީހުން ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، އެ ލިޔުމުގެ ދެފުށުގައި އަސްލާ އެއްގޮތް ކަމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ގާނޫނީ ވަކީލަކު ސޮއިކޮށް، ތައްގަނޑު ޖަހާފައި އޮންނަންވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ގައެވެ.