ހަބަރު

ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރަން ކަމަލާ ހެރިސް ގޮވާލައްވައިފި

ފަލަސްތީނުގެ މިނިވަން ދައުލަތެއް މެދުއިރުމަތީގައި އޮންނަން ޖެހޭނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވެއްޖެ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ އެމެރިކާއަށް މިހާރު ކުރައްވަމުންދާ ގެންދަވާ ދަތުރުގައި އޭނާއާ އިއްޔެ ބައްދަލުކުރައްވައި އެމަގަށް މަޝްވަރާކުރެއްވި ކަމަށް ކަމާލާ ވިދާޅުވި އެވެ.

"އަހަރެންނަށް އެއްޗެކޭ ނުބުނެ މަޑަކުން ނުހުރެވޭނެ. ޣައްޒާގެ އިންސާނިއްޔަތާ ހިލާފު މާހައުލާ މެދު ސީދާކޮށް ނަތަންޔާހޫއާ ވާހަކަދެއްކިން،" އަންނަ ރިޔާސީ އިންތިހާބުގައި އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާނެ ކަމަށް މިހާރު ބެލެވޭ ކެންޑިޑޭޓް ކަމާލާ ވިދާޅުވި އެވެ.

ޣައްޒާގައި ވޭތުވެދިޔަ ނުވަ މަސް ދުވަހު ކަންތައްތައް ހިނގަމުންދަނީ އިންސާނީ ކާރިސާއެއްގެ ގޮތަށް ކަމަށް ކަމާލާ ސިފަކުރެއްވި އެވެ.

"މަރުވެފައިވާ ކުޑަކުދިންގެ މަންޒަރުތަކާއި ބަނޑަށް ޖެހިފައިވާ މީހުން ގެދޮރު ނެތި އެއް ތަނުން އަނެއް ތަނަށް އެތައް ފަހަރަކު ބަދަލުވަމުންދާ މަންޒަރުތައް ފެނުނީ،" ކަމާލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އިސްރާއީލަށް އޮންނާނެ ކަމަށާއި ހަނގުރާމަ ފެށީ ހަމާސްއިން ކަމަށް ގަބޫލުވެސް ކުރައްވާ ކަމަށެވެ.

"ނަމަވެސް އިސްރާއީލުން އަމިއްލަ ދިފާއުގައި ބޭނުންކުރަނީ ކޮން ކަހަލަ އުކުޅުތަކެއްތޯއާ މެދު ފާރަވެރިވާންޖެހޭ. ޣައްޒާގެ އިންސާނީ ހާލަތަށް ފުރަގަހެއް ނުދެވޭނެ. ވޭނާއި އަނިޔާވެރިކަމުން އިހްސާސް ކެނޑިފައި ތިބެވޭކަށް ނެތް. އަހަރެން މަޑަކުން ނުހުންނާނަން،" ކަމާލާ ވިދާޅުވި އެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރަން ގޮވާލައްވަމުން ހަނގުރާމަ ހުއްޓާލުމަށް ނަތަންޔާހޫއަށާއި ހަމާސްއަށްވެސް ކަމާލާ ގޮވާލެއްވި އެވެ.

"ހަމާސްއިން ރަހީނުކޮށްފައި ތިބި އެންމެން ދޫކޮށްލަން އެއްބަސްވުމަކަށް އަންނަން ގޮވާލަން. މި ހަނގުރާމަ ވެފައިވަނީ މައުސޫމު އެތައް އާއްމުންނެއް މަރުވެގެން ގޮސްފައިވާ ހަނގުރާމައަކަށް. މިއީ މި ހަނގުރާމަ ހުއްޓާލަންޖެހޭ ވަގުތު،" ކަމާލާ ވިދާޅުވި އެވެ.