ގޯލާންގައި އިޒުރޭލުގެ ފުޓުބޯޅަ ދަނޑަކަށް ބަޔަކު ދިން މިސައިލް ހަމަލާތަކަކީ ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ދިން ހަމަލާތަކެއް ކަމަށް ބުނެ ބަދަލުހިފަން ގަސްދުކޮށްފިނަމަ އަސްކަރީ ކުޅިބައި އަލުން އަތުރާލާނެ ކަމަށް އީރާނުން ބުނެފި އެވެ.
އީިރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ނަސީރު ކަނާނީ ވިދާޅުވި ގޮތުގައި ޒަޔަނިސްޓުން ހަދާ އެންމެ ގޯހަކުންވެސް މުޅި ސަރަހައްދު އަޅިއަށް ވެގެން ހިނގައިދާނެ އެވެ.
އިޒުރޭލުން ގޯހެއް ހަދާފައި އެހެން ބައެއްގެ ބޮލުގައި ބަދުނާމު އަޅުވަން މަސައްކަތް ނުކުރުމަށްވެސް ތަރުޖަމާން ގޮވާލެއްވި އެވެ.
ނަސީރު ކަނާނީ ވިދާޅުވީ އިޒުރޭލުން އިތުރު ގޯހެއް ނުހެދުމަށް އީރާނުން މިވަގުތު ދޭނީ ނަސޭހަތް ކަމަށެވެ. ނަސޭހަތުގެ އަޑު ނާހައި މާކުޅަދާނަ ބައެއް ކަމަށް ހެދިގެންފިނަމަ މަސްލަހަތު ދޫވެގެން ހިނގައިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ލުބްނާން އަކީ އީރާންގެ މަސްލަހަތާ ގުޅިފައި އޮތް ގައުމެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. ލުބްނާންގެ ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ ސަބަބަކީ އެއީ ކަމަށްވެސް ވިދާޅުވި އެވެ.
ލުބްނާނަށް ހަމަލާދިނުމާ މެދު އީރާނުން މީގެ ކުރިންވެސް ވަނީ އިޒުރޭލަށް އިންޒާރު ދީފަ އެވެ. އީރާނުން ބުނި ގޮތުން ލުބްނާނަށް ހަމަލާދީ މަސްރަހު ހަނގުރާމައަކަށް ބަދަލުކޮށްފިނަމަ ލުބްނާންގެ ދިފާއުގައި އީރާނުން ނުކުންނާނެ އެވެ.