ފްލެޓް މައްސަލަ

ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް އޮކްޓޫބަރުގައި އާންމުކުރަނީ

ރައީސް އިބްރާހީމް ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ނިންމަމުންދާ 4،000 ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް މިއަހަރުގެ އޮކްޓޫބަރު މަހު އާންމުކުރަން ނިންމައިފި އެވެ.

ކުރީ ސަރުކާރުގައި ފްލެޓް ލިބުނު މީހުންގެ ފަރާތުން ޕެޓިޝަން ކޮމިޓީއަށް މައްސަލަ ހުށަހަޅާފައި އޮތީ ކުރީ ސަރުކާރުން އާންމުކުރި ފައިނަލް ލިސްޓް ބާތިލް ނުކުރުމަށް އެދި އެވެ.

މިމައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވީ ކުރީ ސަރުކާރުން ނެރުނު ލިސްޓް ބާތިލްކުރަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ފްލެޓް ލިބެނީ އެންމެ ބޭނުންޖެހިފައިވާ މީހާއަށް ކަން ސަރުކާރުން ކަށަވަރުކުރާނެ ކަމުގައި ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު އިމާރާތް ކުރަމުންދާ 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ނިންމުމަށް ހަމަޖެހިފައިވާ ހަ ޓަވަރުގެ މަސައްކަތް ނިމޭނީ އޮކްޓޫބަރަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އެހާތަނަށް ފައިނަލް ލިސްޓު އާންމުކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭސީސީ އިން ނިންމާފައިވަނީ ކުރީ ސަރުކާރުން ނެރުނު ލިސްޓްގައި ތިބި މީހުންގެ ތެރެއިން 60 ޕަސަންޓް މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ހަދަމުންދާއިރު މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.