ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ 4،000 ފްލެޓް ލިބޭ މީހުން ކަށަވަރުކުރުމަށްޓަކައި ފުރަތަމަ ބުރު ހުށަހެޅި ހުރިހާ ފޯމުތަކެއް ވަކިވަކިން ދިރާސާކުރުމަށް ނިންމައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ ފޯމު އޭރު ހުށަހަޅާފައިވެ އެވެ.
ނިމިދިޔަ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ފްލެޓް ލިބޭ މީހުންގެ ގޮތުގައި ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ޝަރުތު ހަމަވެފައިވަނީ 825 މީހުން ކަމަށެވެ.
އެއީ ކުރީ ސަރުކާރުން އެކުލަވާލި ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ތެރެއިން 20 އިންސައްތަ މީހުންނެވެ. އަދި އެ ލިސްޓުގެ 60 އިންސައްތަ މީހުންނަކީ ޝަރުތު ހަމަނުވާ ބައެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ކަނޑައަޅާފައެވެ.
ފްލެޓް ލިބުނު މީހުންގެ ލިސްޓް ކަމަށް ބުނެ އާންމުކުރި ލިސްޓާ އެއްގޮތަށް ފްލެޓްތައް ދޫނުކުރާތީ ފްލެޓް ލިބުނު މީހުންނާއި އިދިކޮޅު ސިޔާސީ ބޭފުޅުންގެ ފާޑުކިޔުން ވަނީ މިނިސްޓަރު ހައިދަރަށާއި ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ހަދަމުންދާއިރު މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.