ކުޅިވަރު

ގައުމީ ކެރަމް މުބާރާތުގެ އަންހެން ބައިން އެއްވަނަ ހަވަނަ ފަހަރަށް ވިދާދަށް

މިހާރު ކުރިއަށްދާ 33 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަން ހަވަނަ ފަހަރަށް ހޯދައި، އައިމިނަތު ވިދާދް ރެކޯޑަކާ ހަމަހަމަކޮށްފި އެވެ.

ވިދާދު ވަނީ މިހާތަނަށް މުބާރާތުގެ އަންހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދީ ޝަޒްނާގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.

މި ދެ ކުޅުންތެރިންވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ހަ ފަހަރު އެވެ. މީގެއިތުރުން ގައުމީ މުބާރާތުގެ ފިރިހެން ބައިގެ ސިންގަލްސް ޗެމްޕިއަންކަން ވެސް އެންމެ ގިނަ ފަހަރު ހޯދީ ދެ ކުޅުންތެރިން ކަމަށްވާ، ހުސައިން ނީޝާމް (ނީނީ) އާއި ހަސަން ނާޒިމް (ނާނަ) ވަނީ ހަ ފަހަރު ތަށި އުފުލާލާފަ އެވެ.

ވިދާދު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 2017، 2018، 2019، 2021، 2022 އަދި 2024 ވަނަ އަހަރު އެވެ. މިދިޔަ އަހަރުގެ ފައިނަލްގައި އާމިނަތު ވިޝާމާ އަތުން ވިދާދު ވަނީ ބަލިވެފަ އެވެ. ކޮވިޑްގެ ސަބަބުން 2020 ވަނަ އަހަރުގެ ގައުމީ މުބާރާތް ނުބާއްވަ އެވެ.

ވިދާދު މިވަނީ މި ފަހަރުގެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓާއި ސިންގަލްސް އިވެންޓްގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ. މީގެއިތުރުން އަންހެނުންގެ ޓީމު އިވެންޓްގެ ބައިގައި ޗެމްޕިއަންކަން ހޯދީ ވިދާދު ނިސްބަތްވާ މޯލްޑިވްސް ކެރަމް އެކަޑެމީ (އެމްސީއޭ) އިންނެވެ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ވިދާދު ވަނީ ފަހަތުން އަރައި، 2-1 ސެޓުން އައިޝަތު ނަހުފާ ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ސެޓު 17-13 އިން ނަހުފާ ގެންގޮސްފައިވަނިކޮށް، ވިދާދު ވަނީ ދެން ޖެހިގެން އައި ދެ ސެޓު 25-6، އަދި 25-0 އިން ކާމިޔާބުކޮށްފަ އެވެ.

ފައިނަލްގައި ވިދާދު އަތުން ބަލިވި ނަހުފާވެސް ވަނީ މިކްސް ޑަބަލްސް އާއި އަންހެން ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އަދި ޓީމު އިވެންޓް ބައިގައި ޗެމްޕިއަންކަން ހޯދި އެމްސީއޭ ޓީމުގައި ނަހުފާ ވެސް ހިމެނުނެވެ.