އަހުމަދު ނާޒިމް

ހަރަދު ކުޑަކުރާތީ ރައްޔިތަކަށް އުނދަގުލެއް ނުވާނެ: ނާޒިމު

ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންނަށް އުނދަގުލެއް ތަހައްމަލްކުރަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އިން ބާއްވަމުންދާ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ނާޒިމު ވިދާޅުވީ ހަރަދު ކުޑަކުރުމަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ތެރެއިން ހަރަދު ކުޑަކުރުމަށް މިވަގުތަށް ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަމަވެސް ރައްޔިތުންނަށް އުނދަގޫތަކެއް ނުޖެހޭނެ ކަމަށެވެ.

""އެއީ އާސަންދަ ކަމަށްވީ ނަމަވެސް ހަމަ އެ ކަންކަން ފުރިހަމަވެގެން ދާނެ،" ނާޒިމު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ކަންކަމަށް އިސްލާހީ ބަދަލުތަކެއް ގެންނަންޖެހޭތީ ސަރުކާރުން އެ މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ އެ މަސައްކަތްތަކާ އެކު ދައުލަތަށް ލިބޭ އާމްދަނީވެސް އިތުރުވަމުންދާނެ ކަމަށެވެ.

ނާޒިމު ވިދާޅުވީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ސަރުކާރުން މަޖިލީހަށް ހުށަހަޅާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ ދައުލަތުގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެންމެ އަވަހަށް ނިންމަންޖެހޭ އަދި ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ މަޝްރޫއުތައް އަވަހަށް ނިންމޭ ގޮތަށްވެސް ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"މިގޮތަށް ބަޖެޓް ތަރުތީބު ކުރުމުގެ ސަބަބުން މަޝްރޫއުތައް ނިމޭ މިންވަރު އަވަސްވާނެ،" ނާޒިމު ވިދާޅުވި އެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތސާދީ ހާލަތު ވަރަށް ގޯސް ކަމަށެވެ. ކުޑަ މިސާލެއް ދައްކަވަމުން ނާޒިމު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އާސަންދަ އިން ދައްކަންޖެހޭ ބިލްގެ ގޮތުގައިވެސް 1.1 ބިލިއަން ރުފިޔާ ނުދައްކާ އޮތް ކަމަށެވެ. އެކަމަކު މި ސަރުކާރުން މިހާތަނަށް އާސަންދައިން ދައްކަންޖެހޭ ފައިސާގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ދައުލަތަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތާއެކު ބޭރުގެ ގައުމުތަކުން އެހީތައް ހޯދުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތްތަކާ އެކު ހާލަތު ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ނާޒިމު ދެއްވި އެވެ.