ރައްޔިތުންގެ މަޖިލިސް

ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރަކަށް ފަލާހް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި މުޅިން އަލަށް އުފެއްދި "ގެދޮރުވެރިކަމުގެ ކޮމިޓީ"ގެ މުގައްރިރަކަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ހޮވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މުގައްރިރު ހޮވުމަށްފަހު ކޮމިޓީގެ ނައިބް ނައިބް މުގައްރިކަށް ހޮވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ގަވައިދުގެ ދަށުން އެކުލަވާލާފައިވާ ގެދޮރުވެރިކަމުގެ ކޮމިޓީ އެކުލަވާލާފައިވަނީ ހުރިހާ ސިޓީ ކައުންސިލްތައް ތަމްސީލްވާ ގޮތަށެވެ.

ކޮމިޓީގެ ހިމެނޭ މެންބަރުން

  • އިބްރާހިމް ފަލާހު - އިނގުރައިދޫ ދާއިރާ
  • ހުސައިން އިމްރާން ލަތީފް - ހެންވޭރު ދެކުނު ދާއިރާ
  • މުހައްމަދު އިސްމާއީލް - ވިލިމާލެ ދާއިރާ
  • އަހުމަދު ޒމީރު - މައްޗަންގޮޅި މެދު ދާއިރާ
  • މުހައްމަދު ސިނާން - ހިތަދޫ އުތުރު ދާއިރާ
  • މުހައްމަދު ދާއޫދު - ކުޅުދުއްފުށި އުތުރު ދާއިރާ
  • އަލީ ފަޒާދު - ފުވައްމުލަކު މެދު ދާއިރާ
  • އިބްރާހީމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
  • ހުސައިން ޝަރީފް - ހުޅުމާލެ އުތުރު ދާއިރާ
  • އަސްމާ ރަޝީދު - މާފަންނު މެދު ދާއިރާ
  • މުހައްމަދު އިބްރާހީމް - ގަލޮޅު އުތުރު ދާއިރާ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ގެދޮރުވެރިކަމުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަން ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި ގެދޮރުވެރިކަމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާ ގުޅުންހުރި ކަންކަން ކުރުމެވެ.

ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި އެ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމާއި އެ މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރަށް ބާރު އެޅުން ހިމެނެ އެވެ.

މީގެ އިތުރުން ހިޔާވަހިކަމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބިދެވޭތޯ ބެލުމާއި ގެދޮރުވެރިކަމާ ގުޅޭ ގޮތުން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތައް ދިރާސާކުރުމާއި ގެދޮރުވެރިކަމާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުމަކީވެސް މި ކޮމިޓީގެ މަސްއޫލިއްޔަތެކެވެ.