ދުނިޔެ

"އީރާންގައި އިޒުރޭލުގެ ޖާސޫސުން އެބަތިބި"

އީރާން ތެރޭގައި އިޒުރޭލުގެ ޖާސޫސީ އިދަރާ -- މޮސާދުގެ އެޖެންޓުން އުޅޭ ކަމަށް އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަބޮލްފަޒުލް ޒަހުރަވަންދު ވިދާޅުވެއްޖެ އެވެ.

އިޒުރޭލުގެ ނުފޫޒު އީރާންގެ ތެރޭގައި ވަރަށް ވަރުގަދަ ކަމަށްވެސް ޒަހުރަވަންދު ތުހުމަތުކުރެއްވި އެވެ.

ޒަހުރަވަންދަކީ މަޖިލީހުގެ ސަލާމަތީ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

އޭނާ ވިދާޅުވީ އިޒުރޭލަށް ޖާސޫސްކޮށްދޭ މަރުކަޒުތައް އީރާންގައި ހިންގާ ކަމަށާއި އެ މަސައްކަތްތަކުގައި އުޅެނީ އިބިލީހުން ކަމަށެވެ.

ޒަހުރަވަންދަކީ އަފްޣާނިސްތާންގައި ކުރިން ހުންނެވި އީރާންގެ ސަފީރެވެ. އޭނާ ވަނީ އީރާންގައި ސަލާމަތީ ފިޔަވަޅު ދޯހަޅިކަމުގެ ޝަކުވާ އެތައް ފަހަރަކު ފާހަގަކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

ޒަހުރަވަންދު ދެކެވަޑައިގަންނަވާ ގޮތުގައި ބޭރު ގައުމުތަކުގެ އަދި ޖަމާއަތްތަކުގެ ލީޑަރުންނަށް އީރާނުން ރައްކާތެރިކަން ކަށަވަރުކޮށްދޭ ޖެހެ އެވެ.

އީރާންގެ ދުޝްމަނުންނަށް ގައުމުގެ ތެރެއަށް ބިސްއެޅެނީ ސަލާމަތީ ގޮތުން ދޯހަޅިކަމުން -- ހެދިފައި ހުރި ބާގަނޑުތަކުން ވަދެގަނެގެން ކަަމަށް އޭނާ ވިދާޅުވި އެވެ.

ޒަހުރަވަންދު ވަނީ ދުޝްމަނުންނަށް -- އިޒުރޭލާއި ހުޅަނގަށް ޖާސޫސްކޮށްދޭނީ ޣައްދާރުން ކަމަށްވެސް ސިފަކުރައްވާފަ އެވެ. އަދި ގައުމަށް އެއްވެސް ލޯބެއް ނެތް ބަޔަކު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ހަމާސް ލީޑަރު އިސްމާއިލް ހަނިއްޔާގެ މަރަށް އީރާންވެސް ޒިންމާވާން ޖެހޭ ކަމަށް ޒަހުރަވަންދު ވިދާޅުވި އެވެ. އޭނާ ބެހެއްޓުމަށް އެއަށް ވުރެ ރައްކާތެރި ތަނެއް ސަރުކާރަށް ނުލިބުނީތޯ މެމްބަރު ސުވާލުކުރެއްވި އެވެ.

ޒަހުރަވަންދު ވިދާޅުވީ އެމެރިކާ އާއި އިޒުރޭލަކީ އެއްވެސް އިރެއްގައި އީރާނަށް ގަދަރުކުރާ ބައެއް ނޫން ކަމަށެވެ. އެ މީހުންގެ މި ވިސްނުމަށް އީރާން އޮންނަން ޖެހޭނީ އަބަދުވެސް ސަމާލުވެ ކަަމަށްވެސް ވިދާޅުވި އެވެ.