ދުނިޔެ

މެލޭޝިއާ ބޮޑުވަޒީރުގެ ޕޯސްޓެއް ފޮހެލުމަށްފަހު ފޭސްބުކުން މާފަށް އެދިއްޖެ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް ފޮހެލުމަށްފަހު -- ފޭސްބުކްގެ ބެލެނިވެރި ކުންފުނި، މެޓާއިން މާފަށް އެދިއްޖެ އެވެ. ފޭސްބުކަކީ އާންމު ގޮތެއްގައި މީހުންގެ ކިބައިން މާފަށް އެދޭ ކުންފުންޏެއް ނޫނެވެ.

ފޭސްބުކުގެ މެނޭޖްމަންޓުން ފޮހެލި ޕޯސްޓަކީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އިޒުރޭލުން މަރާލުމާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރެއްވި ޕޯސްޓެކެވެ.

ފޭސްބުކުން މާފަށް އެދުނީ މެލޭޝިއާގައި ފޭސްބުކް ތަމްސީލްކުރާ އޮފިޝަލުން އަންވަރު އިބްރާހީމްގެ އޮފީހަށް ހާޒިރުކޮށް -- ފޭސްބުކުން އަދި އިންސްޓާގްރާމުން ޕޯސްޓް ފޮހެލަން ޖެހުނު ސަބަބު ސާފުކޮށްދިނުމަށް އެދުމުންނެވެ.

މެޓާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބޮޑުވަޒީރުގެ އެކައުންޓްތަކުން ޕޯސްޓެއް ފޮހެލެވުނީ އޮޅިގެން ކަމަށެވެ.

ބެލެވޭ ގޮތުގައި އަންވަރު އިބްރާހީމްގެ އެކައުންޓްތަކަކީ ގައުމެއްގެ ބޮޑުވަޒީރެއްގެ އެކައުންޓްތަކެއްކަން މެޓާއަކަށް ނޭނގެ އެވެ.

މެޓާ އަކީ ކަމެއް އޮންނަ ގޮތް އެނގޭ ހާލުގައި ނުދެނަހުރި ކަމަށް ހަދައި މިކަހަލަ މޮޔަކަންތައްތައް ކުރާ ބައެކެވެ.

އަންވަރުގެ ޕޯސްޓް ފޮހެލުމަށްފަހު ފޭސްބުކުން ބުނެފައި އޮތީ ލިޔުން ފޮހެލަން ޖެހުނީ ޓެރަރިޒަމާ ގުޅުން ހުރި ބަޔަކަށް ތާއީދުކޮށް ސަނާކިޔާފައިވާތީ ކަމަށެވެ. ފޭސްބުކްގެ ގަވާއިދު ބުނާ ގޮތުން ޓެރަރިޒަމާ ގުޅުން މުއާމަލާތްތައް ކުރާނަމަ އެ އެކައުންޓެއް ބަންދުކުރެވެ އެވެ.

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި އިޒުރޭލުން ގަބޫލުކުރާ ގޮތުގައި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އަންވަރުގެ ޕޯސްޓް ފޭސްބުކުން ފޮހެލީ މި ސިޔާސަތަށް ތަބާވުމުގެ ގޮތުންނެވެ.

މެލޭޝިއާ ސަރުކާރުން އަބަދުވެސް ބުނަނީ އެ ގައުމުން ގުޅުން ބާއްވާވަނީ ހަމާސްގެ ސިޔާސީ ގޮތްޕާ ކަމަށެވެ. ހަމާސްގެ އަސްކަރީ ގޮތްޕާ އެއްވެސް ގުޅުމެއް ނުބާއްވާ ކަމަށް މެލޭޝިއާއިން ވަނީ ބުނެފަ އެވެ.