އެސްޓީއޯ އިން 25 ބުރީގެ މަލްޓި ޕާޕަސް ކޮމާޝަލް އިމާރާތެއް އަޅަން ނިންމާ އެކަން ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މި އިމާރާތް އަޅަން ނިންމާފައިވަނީ މާލޭގައި ހުންނަ އެސްޓީއޯގެ ހެޑް އޮފީހާ އިންވެގެން އޮންނަ 15،000 އަކަފޫޓުގެ ބިމުގަ އެވެ.
އެސްޓީއޯ އިން ވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން މި އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ އެސްޓީއޯގެ 15 ޕަސެންޓް އިކުއިޓީ ހިމެނޭ ގޮތަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯ އިން ކުރި އިއުލާނުގައިވާ ގޮތުން މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރެވޭނީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި 18 މިލިއަން ޑޮލަރު ނުވަތަ އެއަށްވުރެ ބޮޑު މަޝްރޫއެއް ހިންގާފައިވާ ކުންފުންޏަކަށެވެ.
މި އިމާރާތުގައި އޮފީސް ސްޕޭސްގެ އިތުރުން ޓްރެއިނިން ސެންޓަރެއް ހިމެނެ އެވެ. މިތަން އިމާރާތްކުރަނީ ކާރު ޕާކްކުރެވޭ ގޮތަށް އަދި އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ އިންތިޒާމުތަކާއެކު އެވެ.
މި އިމާރާތުގައި ޖިމަކާއި ކެފެޓީރިއާއެއްވެސް ހިމެނެ އެވެ.