އުރީދޫ

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް މާދަމާ ފަށަނީ

ރާއްޖެ އާއި ގަތަރުގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގެ ފުރަތަމަ މުބާރާތް މާދަމާ ފަށާނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި ހަރަކާތުގައި ތިން ކުޅުންތެރިންގެ ޓީމުތަކުގެ ވަރުގަދަ މެޗުތައް ހިމެނޭއިރު، ހުނަރާއި ސްޓްރެޓެޖީ އަދި ޓީމްވޯކްގެ ވަރުގަދަ ކުޅުމެއް ފެނިގެންދާނެ ކަމަށެވެ. އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި މުބާރާތުގައި ޗެމްޕިއަން ޓީމަށް 1919 ޑޮލަރުގެ އިނާމެއް ވަނީ ހުށަހަޅާފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މާދަމާ އަދި ހުކުރު ދުވަހު ފަށާއިރު ޕްލޭއޮފް މެޗުތައް ނިމޭނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މެޗުތައް ލައިވްސްޓްރީމް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. އެހެންވެ ގޭމަރުންނާއި ސަޕޯޓަރުންނަށް ހުރިހާ މެޗުތަކެއް ލައިވްކޮށް ބަލާލެވޭނެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި އިވެންޓަކީ އުރީދޫ ނޭޝަންގެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތް ކަމަށާއި އަދި މި މުބާރާތަކީ އީސްޕޯޓްސް ކޮމިއުނިޓީއެއް ކުރިއަރުވައި، ގޭމް ކުޅޭ މީހުންނަށް ދުނިޔޭގެ މައިދާނުގައި ވާދަކުރެވޭނެ ޕްލެޓްފޯމެއް ފަހިކޮށްދިނުމުގެ އަޒުމުގައި ބާއްވާ ހަރަކާތެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ މި ހަރަކާތާ މެދު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް ރާއްޖެ އަދި ގަތަރުގެ ޓީމުތަކުގެ މެދުގައި ބޭއްވުމަކީ އުރީދޫއަށް ލިބޭ ފަހުރެއް ކަމަށެވެ.

"މިއީ ކުރިއަރަމުން އަންނަ އީސްޕޯޓްސް ކޮމިއުނިޓީއަށް އެހީތެރިކަން ފޯރުކޮށްދީ، މި ކޮމިއުނިޓީ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއް. އަދި ރާއްޖެއާއި ގަތަރާ ދެމެދު އޮތް އެކުވެރިކަމުގެ ވާދަވެރިކަމުގެ ރޫހާއި، ހިތްގައިމު ގޭމްޕްލޭއެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރަން،" ހާލިދު ވިދާޅުވި އެވެ.

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްގައި ބައިވެރިވާ ޓީމުތަކުގެ ހުނަރުވެރިކަމާއި ޑެޑިކޭޝަނަށް މި މުބާރާތުގެ ތެރެއިން ފެނިގެންދާނެ ކަމަށްވެސް އުރީދޫ މޯލްޑިވްސް އިން މައުލޫމާތުދެ އެވެ. މިއީ ޑިޖިޓަލް އިނޮވޭޝަން އަދި ކަނެކްޓިވިޓީ ކުރިއެރުވުމަށް އުރީދޫއިން ކުރާ މަސައްކަތްތަކުގެ ހެއްކެއް ކަމަށްވެސް ބުންޏެވެ. އެކި ސަރަހައްދުތަކުގެ ކުޅުންތެރިންނާއި ސަޕޯޓަރުން އެއްތަނަކަށް ގެނެސް، އުރީދޫއިން އަންނަނީ އީސްޕޯޓްސްގެ ދުނިޔޭގައި މުޖުތަމައުއާއި ބައިވެރިވުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.