އިންޑިއާގެ 69 މީހަކު ހަނގުރާމައި ބައިވެރިންގެ ގޮތުގައި ރަޝިއާ ސިފައިންނާ އެކު ޔުކްރޭންގައި އަދިވެސް ހަރަކާތްތެރިވަމުންދާ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ރަޝިއާ ސިފައިންނާ ގުޅިގެން ޔުކްރޭންގައި ހަނގުރާމަކުރަން ތަމްރީންކުރި 91 މީހުންގެ ތެރެއިން އަށް މީހަކު ހަނގުރާމާގައި މިހާރު މަރުވެފައިވާ ކަމަށެވެ.
ޔުކްރޭން ހަނގުރާމާގައި ބައިވެރިވާން ދިޔަ މީހުންގެ ތެރެއިން 14 މީހަކު ކޮންމެވެސް ގޮތަކަށް އެނބުރި އިންޑިއާއަށް އައިސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ބާކީ ތިބި މީހުން އަނބުރާ ގެނައުމަށްޓަކައި މަޝްވަރާ ކުރެވޭ ކަމަށާއި ރަޝިއާއިން އަދި ވަކި އެއްޗެއް ނާންގާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައިގައި ރަޝިއާއަށް ކުރެއްވި ދަތުރުގައި ރައީސް ޕޫޓިންއަށް މި ހަބަރު ދެއްވި ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. އަދި އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ފޮނުވައިދިނުމަށް ބޮޑުވަޒީރު ދެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
ރަޝިއާ ސިފަންނާ ގުޅިގެން ޔުކްރޭނާ ހަނގުރާމަކުރަން މީހުން ތަމްރީންކުރާ ނެޓްވޯކެއް އިންޑިއާގެ ސީކްރެޓް ސާވިސް އިން މެއި މަހު ވަނީ އަތުލައިގެންފަ އެވެ.
ބޮޑު މުސާރަ އާއި ދާއިމީ ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލާއި -- އިންޑިއާ އަދި ލަންކާއިންވެސް ވަނީ މީހުން ރަޝިއާއަށް ފޮނުވާފަ އެވެ.
މި ގޮތުން ހަނގުރާމައަށް ފޮނުވަން މީހުން ތަމްރީންކުރާ ގުރޫޕްތަކުން ދެ ގައުމަށް ވެސް މީހުން ފޮނުވަ އެވެ. ކޮންމެ ކޮޅަކަށް ފޮނުވި ނަމަވެސް އެ މީހުން ގާތު ބުނެފައި އޮންނަނީ ހަނގުރާމައަށް ފަހު ބޮޑު މުސާރަ ލިބޭނެ ކަމަށެވެ. އަދި ދާއީމީ ވަޒީފާ އާއި ގެދޮރު ލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.