ވިޔަފާރި

އިންޓަނެޓުގެ ހިދުމަތް ރަނގަޅު ކުރަން އާރްއޯއެލްއިން އާ ހިދުމަތްތަކެއް!

Mar 10, 2016

އިންޓަނެޓުގެ ހިދުމަތް ރަނގަޅު ކުރަން ރާއްޖެ އޮންލައިން (އާރްއޯއެލް) އިން އާ ހިދުމަތްތަކެއް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދާ ފޯކަސް އިންފޯކޮމް ޕްރައިވެޓް ލިމިޓެޑުން ބުނީ މުސްތަގްބަލުގެ "ފައިބަރ-ޓު-ދަ-ހޯމް ނެޓްވޯކް" ތައާރަފް ކުރުމަށް ރާއްޖެ އޮންލައިން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ވިޔަފާރިއާއި ގެދޮރުގެ ބޭނުންތަކަށް އަމާޒުކޮށްގެން ފަރުމާކުރެވިފައިވާ ޚިދުމަތުގެ އައު ފެންވަރުތަކެއް ހާސިލުކޮށްފައިވާ "ޖީޕޮން ފައިބަ ވިއުގަ" ތައާރަފުކޮށްފައިވާ ކަމަށެވެ.

އާރުއޯއެލް އިން ބުނީ އިންޓަނެޓް ކަނެކްޓިވިޓީ އާއި ނެޓްވާކް ގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ރާއްޖެއޮންލައިނުން "ޑޯރ-ޓު-ޑޯ" ސަރވޭ އެއް ފަށާފައިވާ ކަމަށެވެ.

މި ސަވޭ ކުރުމަށް ކުންފުނިން ކަނޑައަޅާފައިވާ މުވައްޒަފުން ތިބޭނީ ރާއްޖެ އޮންލައިން ތަމްސީލު ކުރާ މުވައްޒަފުންކަން އަންގައިދޭ ކާޑާއި، ކުންފުނީގެ ޔުނިފޯމު އަޅައިގެންކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ރާއްޖެއޮންލައިންގެ ސީއީއޯ ނަގީތް އަބްދުﷲ ވިދާޅުވީ ތަޢާރަފްކުރެވޭ ވިއުގައިގައި ހާއްސަ ތިން ސިފައެއް ހިމެނޭ ކަމަށެވެ. އެ ސިފަތަކަކީ ބޭނުން ކުރުމަށާއި، އިންސްޓޯލްކުރުމަށް ފަސޭހަވުން، އަދި ދެވަނައެއް ނެތް "ސްމާޓް ހޯމް ޕްލެޓްފޯމް" އަކަށްވުން ގިގަބިޓް ވިއުގައަށް ފަހި މާހައުލްއަކަށްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދަ ވިއުގައެއް ރާއްޖެއޮންލައިންއިން ތަޢާރަފްކުރުމުގެ މައިގަނޑު މަގުސަދަކީ ކުންފުނިން ހިދުމަތް ހޯދާ ފަރާތްތައް ޒަމާނީ ފައިބަ ވިއުގައަކަށް ބަދަލުކުރުން ކަމަށާއި، މި ފައިބަ އޮޕްޓިކް ވިއުގައަކީ ގިގަބިޓް ބާރުމިނުގައި ތަފާތު ހިދުމަތްތައް ހިންގުމުގެ ގާބިލުކަން ލިބިފައިވާ ވިއުގައެއްކަމަށް އޭނާ ވިދާޅުވި އެވެ.