މީރާ

ޑޮލަރުގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ އިތުރު

މިިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ލިބުނު ޑޮލަރުގެ އާމްދަނީއަށް ވުރެ މި އަހަރުގެ ޖުލައި މަހާ ހަމައަށް ލިބުނު އާމްދަނީ އިތުރު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ލިބުނު ޑޮލަރުގެ އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ޑޮލަރުން ލިބުނު އަދަދު އިތުރެވެ. ނަމަވެސް މިއަހަަރުގެ ޖުލައި މަހު ޑޮލަރުން ލިބުނު އާމްދަނީއަށް ވުރެ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު ޑޮލަރުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 104 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ ޖުލައި މަހު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 75 މިލިއަން ޑޮލަރެވެ.

މި އަހަރުގެ ޖުލައި މަހާ ހަމައަށް 636 މިލިއަން ޑޮލަރު ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 593 މިލިއަން ޑޮލަރެވެ. އެއީ 43 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މި އާމްދަނީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 520 މިލިއަން ޑޮލަރެވެ. އަދި ޓެކްސް ނޫން ގޮތުގައި ލިބިފައިވަނީ 116 މިލިއަން ޑޮލަރެވެ.

އެންމެ ގިނައިން ޑޮލަރުގެ އާމްދަނީ ލިބިފައިވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީންނެވެ. އެއީ 389 މިލިއަން ޑޮލަރެވެ. މިދިޔަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 360 މިލިއަން ޑޮލަރެވެ. އެއީ މި އަހަރަށް ވުރެ 29 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.