މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހަކު މަރުވެއްޖެނަމަ އެ ގޯތި ވާރިސުންނަށް ދެނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބިފައިވާ މީހަކު މަރުވެއްޖެނަމަ އެފަދަ މީހުންގެ ބިން ވާރިސުންނަށް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހަކު މަރުވެއްޖެނަމަ ކޯޓުން ވާރިސުން ސާބިތުކުރުމުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ހުށަހެޅުމުން އެ ރިޕޯޓަށް ބަލައި އެ ބިމެއް ވާރިސުންގެ ނަމަށް ބަދަލުކޮށްދޭނެ ކަމަށެވެ.

މިފަދަ މައްސަލަތަކުގައި ކޯޓުން ނިންމާ ނިންމުންތައްވެސް ހުށަހަޅަން ބުނެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހޯދަން ހުށަހެޅި ޕޯޓަލް މެދުވެރިކޮށެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން ފަށާފަ އެވެ. މީގެއިތުރުން ގުޅީފަޅާއި ގިރާވަރު ފަޅުގެ ބިން ހިއްކަން ވެސް ފެށި އެވެ.

ބިންވެރިޔާ ސްކީމުގެ ތެރެއިން 9،000 އަށް ވުރެ ގިނަ ގޯތި ދޫކޮށް އެކި މީހުންނަށް ލިޔުން ހަވާލުކޮށްފައިވެ އެވެ. ނަމަވެސް ގޯތި ދޭން ނިންމި ބިންތައް ހިއްކާފައި ނުވާތީ ރައީސް ސޯލިހްގެ ވެރިކަމުގައި ބިން ހަވާލުކުރީ މަދު މީހަކަށެވެ.