މުހައްމަދު އަމީން

ޓެކްސީތައް ޕާކްކުރުމަށް ހާއްސަ ޒޯންތަކެއް ހަދަނީ

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތައް ޕާކް ކުރުމަށް މާލެއާއި ހުޅުމާލޭގައި ހާއްސަ ޕާކިން ޒޯންތަކެއް ހެދުމަށް ނިންމައިފި އެވެ.

ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީތަކަށް ހާއްސަ ޒޯންތައް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ކަނޑައަޅާނެ ކަމަށެވެ.

އަމީން ވިދާޅުވީ ހުޅުމާލޭގައި ޓެކްސީތައް ޕާކް ކުރުމަށް ކަނޑައަޅާ ބިން މިނިސްޓްރީން ބަލާފައިވާ ކަމަށާއި މާލެ އިން އަދި ވަކި ތަނެއް ކަނޑައަޅާފައި ނުވާތީ އެފަދަ ބިމެއް ހޯދަމުންދާ ކަމަށެވެ.

"ޓެކްސީ ހިދުމަތްދޭ ފަރާތްތަކަށް ކުޑަވަގުތަކަށް ޕާކު ކުރެވޭނެ ވަކި ތަންތަން ހަމަޖެއްސޭތޯ މިބަލަނީ،" އަމީން ވިދާޅުވި އެވެ.

މާލެ އާއި ހުޅުމާލޭގައި ދުއްވާ ޓެކްސީތައް ޕާކް ކުރުމަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ޓްރާންސްޕޯޓް މިނިސްޓްރީން މިދިޔަ ޖުލައި 24 ވަނަ ދުވަހުގެ ރޭ އިފްތިތާހް ކުރި "މާލެ ފަހި ޕްރޮގްރާމް"ގައި ވަނީ ސަރުކާރުން ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށް ހިމަނާފަ އެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ކުރާ މީހުން ވަނީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފެށުމާ ދެކޮޅަށް މިމަހުގެ ތެރޭގައި މުޒާހަރާވެސް ކޮށްފަ އެވެ.