ޒަކާތް

މުދަލު ޒަކާތުގެ ގޮތުގައި 66 މިލިއަން ރުފިޔާ

މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ޖުލައި މަހާ ހަމައަށް 66 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ -- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ޖުލައި މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖުލައި މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 66.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ޑޮލަރުން ލިބުނު 5،446 ޑޮލަރު ހިމެނެ އެވެ.

މިއީ މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 58.6 މިލިއަން ރުފިޔާއަށްވުރެ 7.6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ވަނީ ދެގުނަ އިތުރުވެފަ އެވެ.

މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު 7.3 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ ޖުލައި މަހު 15.4 މިލިއަން ރުފިޔާ ލިބުނެވެ.

މުދަލު ޒަކާތް ކުރިން ދައްކަނީ އިސްލާމިކް މިނިސްޓްރީ އަށެވެ. ނަމަވެސް 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާ އަށް ބަދަލުކޮށްފަ އެވެ.

މީރާގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އަދި މީރާއަށް ގޮސްގެން ވެސް މުދަލުގެ ޒަކާތް ދެއްކެ އެވެ.