ދުނިޔެ

25 އަހަރަށް ފަހު ޣައްޒާގައި ޕޯލިއޯ ފެތުރެނީ

ޣައްޒާގައި 10 މަހުގެ ކުއްޖަކަށް ޕޯލިއޯ ޖެހިއްޖެ އެވެ. ފަލަސްތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މިކަން ކަށަވަރުވެސް ކޮށްދީފަ އެވެ. މިއީ ވާއިތުވި 25 އަހަރު ތެރޭގައި ޣައްޒާއިން ޕޯލިއޯ ފެނުނު ފުރަތަމަ ފަހަރެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ކުދިންނަށް ވެކްސިން ދެވޭނެ ގޮތެއް ތަނަވަސްކޮށްދިނުމަށް އިޒުރޭލުގެ ކިބައިން އެދިފަ އެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ރައްކާތެރި އެއްވެސް ތަނެއް ޣައްޒާގައި ނެތް ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. ކުދިންނަށް ވެކްސިން ދިނުމަށް ސިއްހީ އޮފިޝަލުންނަށް ޣައްޒާއަށް ވަދެވޭނެީ އިޒުރޭލުން ޔަގީންކަން ދިނުމުން ކަމަށްވެސް އދގެ ވެރިޔާ ވިދާޅުވި އެވެ.

ޕޯލިއޯ ޖެހިފައި އިތުރު ކުދިން ތިބިތޯ ބަލާނެ ގޮތެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށްވެސް ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި ކުދިންނަށް ވެކްސިން ދިނުމަށް މަގުފަހިކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ޕޯލިއޯގެ ސަބަބުން ޣާއްޒާގެ ހާލަތު އިތުރަށް ގޯސްވެދާެނެ ކަމުގެ ބިރު އޮތް ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. ވެކްސިން ދިނުން ލަސްވެއްޖެ ނަމަ އެއީ އަނެއް ކާރިސާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. ހަމަލާތައް ހުއްޓާލައި ޣައްޒާގައި އާންމުންނަށް އުޅެވޭވަރު ކުރުމަށް ބައިނަލްއަގްވާމީ ހުރިހާ ޖަމާއަތަކުން ދިން އެއްވެސް ނަސޭހަތެއް ޒަޔަނިސްޓުން ގަބޫލެއް ނުކުރި އެވެ.

ޒަޔަނިސްޓުންގެ ފަނާކުރަނިވި ހަމަލާތަކުގައި ޣައްޒާއިން 40،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އާއިލާތައް ރޫޅި ބޯހިޔާކޮށްލާނެ ފަދަ ނެތް އެތައް މިލިން މީހުން ވަނީ މަގުމަތިވެފަ އެވެ.

އިޒުރޭލު ސިފައިން ޣައްޒާގައި ހިންގަމުން ގެންދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާއިން ހުށަހެޅުމުން -- ހަމަލާތައް ހުއްޓާލަން ގޮވާލައި ވަނީ އަމުރެއް ނެރެފަ އެވެ. އެކަމަކު، އިޒުރޭލުން ހިންގަނީ ގަތުލުއާންމެއް ކަމަކަށް އައިސީޖޭއިން ނުނިންމަ އެވެ.