މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް

ދިރިނޫޅެވޭ ވަރަށް ބާވެފައި ހުރި އިމާރާތްތައް ތަޅާލަން ފަށައިފި

މާލޭގައި ދިރިނޫޅެވޭ ވަރަށް ދުވަސްވެފައި ހުރި އިމާރާތްތަކުގެ ލިސްޓުގައިވާ މ. ރަބީއުވިލާ ތާލުމުގެ މަސައްކަތް ސަރުކާރުން މިއަދު ފަށައިފި އެވެ.

މިމަސައްކަތް ކުރަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުންމަންޓް އެންޑް ޕަބްލިކް ވާކްސް އިން ކަމަށް އެ މިނިސްޓްރީން ނޫސްތަކަށް މައުލޫމާތު ދީފައިވެ އެވެ.

މ. ރަބީއުވިލާ މިއަދު ތަޅާލުމުގެ މަސައްކަތް ފެށިއިރު އެ ގޭގައި މީހުން ދިރިނޫޅޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެހެންވެ މި ގެ ބޭނުންކުރަމުން ދިޔައީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއެއްގެ ގޮތުގައެވެ.

ރަބީއުވިލާގައި މިއަހަރުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު މި ގޭގައި ޑްރަގު ބޭނުންކުރި މީހަކު މިދިޔަ މެއި މަރުވެފައި އޮއްވާވެސް ފެނިފައިވެ އެވެ.

ފަސް ބުރިއަށް ހަދާފައިވާ މި ގެ ތަޅާލުމުގެ މަސައްކަތް މިއަދު ފެށި ނަމަވެސް މިމަސައްކަތް ސީދާ ނިންމާލެވޭނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.

މާލޭގައި ދިރިނޫޅެވޭ ވަރަށް ދުވަސްވެފައި ހުރި އިމާރާތްތަކުގެ ލިސްޓް ހެދީ 2019 ވަނަ އަހަރު ޕްލޭނިން މިނިސްޓްރީންނެވެ. މި ލިސްޓުގައި 11 އިމާރާތެއް ހިމެނެ އެވެ.

ލިސްޓުގައި ހިމެނޭ ގެތައް

  • ހ. ލޮބީ
  • ހ. ހާޖަރާގެ
  • ހ. ރުއްދޮށިގެ
  • ހ. ތަންބީ
  • ހ. އަސްފަރު
  • މ. ބުރަދަމާގެ
  • މ. ކައުސަރު
  • މ. އާޝިޔާމަންޒިލް
  • މއ. ކަނބާލިފަރު
  • މއ. އެވާގްލޯރީ
  • މ. ރަބީއުވިލާ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގެ ތެރޭގައި މާލެ ސިޓީ ކައުންސިލަށް ވަޑައިގެން މާލޭގެ ކައުންސިލަރުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައިވެސް ވަނީ މާލޭގައި ބޭނުން ނުކުރެވޭ ވަރަށް ދުވަސްވެފައި ހުރި އިމާރާތްތައް ތަޅާލުމަށް ސިޓީ ކައުންސިލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.