ރ. ފުއްގިރި މައްސަލަ އާއި ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ޝަރީއަތް ތާވަލްކޮށްފި އެވެ.
ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާކުރުމުގެ ދައުވާ އެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރިން ހުކުމް ކުރި ނަމަވެސް ހައިކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ކްރިމިނަލް ކޯޓުން ބެލުމަށް އަމުރުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ ރައީސް ޔާމީންއާ ގުޅޭ އާރަށުގެ މައްސަލައިގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފައިވާއިރު ފުއްގިރި މައްސަލައިގެ ޝަރީއަތް އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ. މި ދެ މައްސަލަ ވެސް ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ރައީސް ޔާމީނާ ގުޅޭ ދެ މައްސަލައެއްގެ ޝަރީއަތް ތާވަލްކޮށްފައި މިވަނީ ދައުލަތް ތަމްސީލް ކުރާ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.