ދުނިޔެ

ޖަރުމަނުން ޔުކްރޭނަށް ދޭ އަސްކަރީ އެހީ ކުޑަކުރަނީ

ބަޖެޓުގެ ދަތިކަމާ ހެދި ޖަރުމަނުން ޔުކްރޭނަށް ދޭ އަސްކަރީ އެހީ ކުޑަކުރަން އެ ގައުމުގެ ސަރުކާރުން ވިސްނާ ކަމަށް ރިޕޯޓްތައް ބުނަ ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖަރުމަނުގެ ޚަރަދުތައް މިހާރު ބައިކޮށްފައި ހުރީ ޔުކްރޭނަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭ ގޮތަކަށް ނޫނެވެ.

ގައުމުން ބޭރަށް ކުރާ ހޭދަ މި ވަގުތަށް ހިފެއްޓުމަށް އެ ގައުމުގެ މާލީ އިދާރާތަކުން ސަރުކާރަށް ލަފާދީފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ޖަރުމަނުގެ ހާލަތު މިހާރު އޮތް ގޮތުން ސަރުކާރުން އިތުރު ފައިސާއަށް އެދުނު ނަމަވެސް މަރުކަޒީ ބޭންކު ފަދަ އިދާރާތަކުން ހުއްދަ ނުދޭނެ ކަމަށް ބުނެވެ އެވެ.

ޔުކްރޭނަށް ދެން ފޯރުކޮށްދެވޭނީ މީގެ ކުރިން ފާސްކޮށްފައި ހުރި އެހީ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމާގައި، ޖަރުމަނަކީ ޔުކްރޭނަށް ވަރަށް ބޮޑު ބައިވެރި އެކެވެ. މާލީ ގޮތުން އަދި އަސްކަރީ ގޮތުން ގިނަ އެހީތަކެއް ޖަރުމަނުން ވަނީ ޔުކްރޭނަށް ފޯރުކޮށްދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭނަށް އެހިވުމަށް ޔޫރަޕްގެ ގައުމުތަކުން މިހާރު ވިސްނަނީ އެހެން ގޮތެކެވެ. އެއީ ޔޫރަޕްގެ ގައުމުތަކުގައި ހިފަހައްޓާފައި ހުރި ރަޝިއާގެ މުދަލަށް ލިބޭ ފައިދާއިން ޔުކްރޭނަށް އެހީވުމެވެ.

ޖަރުމަނު ވެސް ދެން އަމަލުކުރާނީ މި އުސޫލަށް ކަމަށް ޚަބަރުތައް ބުނެ އެވެ.

ރަޝިއާއަށް ލިބެން ޖެހޭ ފައިސާ ވަރަށް ގިނަ ގައުމުތަކުން ވަނީ ހިފަހައްޓާފަ އެވެ. އޭގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، ޖަޕާން އަދި ޔޫރަޕިއަން ޔޫނިއަން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ގައުމުތަކުގައި ރަޝއިއާގެ 280 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތް މައްސަލާގައި މި ފައިސާތައް ހިފަހައްޓާފައި ހުރީ އެވެ.