ބޮލީވުޑް

"ސްޓްރީ 2" އަކަށް ބޮޑު ކާމިޔާބެއް

ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯގެ ފިލްމު "ސްޓްރީ 2" އަކަށް ބޮޑު ކާމިޔާބެއް ލިބިއްޖެ އެވެ.

މި ފިލްމު ރިލީޒްކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެއަށްފަހު ދެ ދުވަހުގެ ތެރޭގައި ފިލްމު ވަނީ 100 ކޮރޯޑް ރުޕީސްއަށް ވުރެ ގިނައިން ހޯދާފަ އެވެ.

މި ފިލްމުގެ ފުރަތަމަ ބަޔަށް ވެސް ވަނީ ބޮޑު ކާމިޔާބީއެއް ލިބި، 64 ވަނަ ފިލްމްފެއާ އެވޯޑްސްގައި 10 ކެޓަގަރީއަކަށް ނޮމިނޭޓްވެފަ އެވެ.

މި ފިލްމުގައި ބަޔަކު ދިރިއުޅޭ އަވަށެއްގައި އުޅެނީ އަންހެނެއްގެ ރޫހެވެ. ރޭގަނޑު ބާއްވާ ހާއްސަ ހަފްލާތަކުގައި ފިރެހެނުންނަށް މި ރޫހު ހަމަލާދެނީ އެވެ. މި ސީކުއެލް ބިނާވަނީ ބޯ ނެތް ބިރުވެރި މީހެއްގެ ސަބަބުން އަވަށުގެ ތެރޭގައި ފެތުރޭ ބިރުވެރިކަމުގެ މައްޗަށެވެ.

ފިލްމުގެ ދެވަނަ ބައިވެސް ޑައިރެކްޓް ކޮށްފައިވަނީ ފުރަތަމަ ބައިވެސް ޑައިރެކްޓް ކުރި އަދި ފިލްމުފެއާގައި ބެސްޓް ޑައިރެކްޓަރު ކަމަށް ނޮމިނޭޓްވި އަމަރު ކައުޝިކް އެވެ. މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު މެޑޮކް ފިލްމްސްގެ ފަރާތުންނެވެ.

މި ފިލްމުގައި ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯގެ އިތުރުން ޕަންކާޖް ޓްރިޕާތީ، އަބީޝެކް ބެނާޖީވެސް މުހިއްމު ރޯލުތަކެއް އަދާކުރެ އެވެ. އަދި "ސަޕްރައިޒް" ސްޓާރުންގެ ގޮތުގައި މި ފިލްމުން އަކްޝޭ ކުމާރާއި، ތަމަންނާ ބާޓިއާ އަދި ވަރުން ދަވަންވެސް ފެނިގެންދެ އެވެ.