ޕްރޮޑިއުސަރު އަމަރް ކޯޝިކް މިހާރު ގެންދަނީ ހޮރޯ-ކޮމެޑީ ޔުނިވާސްއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޮރޯ-ކޮމެޑީ ހިމެނޭ ގިނަ ފިލްމުތަކެއް އޭނާ އުފައްދަންވެސް ގަސްތުކޮށްފައި ވެއެވެ.
އެންމެ ފުރަތަމަ އޭނާ 2018ގައި އުފެއްދީ ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑް ރޯލު ކުޅުނު "ސްތުރީ" އެވެ.
ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް މި ފިލްމު ހޯދާފައިވެ އެވެ. އެހެންވެ މި ކަހަލަ އިތުރު ފިލްމުތަކެއް އުފައްދަން ޕްރޮޑިއުސަރު ގަސްތުކުރި އެވެ.
"ސްތުރީ"ގެ ދެވަނަ ބައެއް އުފައްދަން އުޅޭ ކަމުގެ އަޑުތައް އޭރުއްސުރެ އަރާފައި އޮތަސް މި ފިލްމު މިހާތަނަށް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.
އޭގެ ފަހުން އޭނާ ޕްރޮޑިއުސްކުރީ މިހާރު ރިލީޒްކުރަން ތައްޔާރުވެފައިވާ ވަރުން ދަވަން އާއި ކްރީތީ ސެނޯންގެ "ބީޅިޔާ"އެވެ.
މި ފިލްމަކީ ވެސް ހޮރޯ-ކޮމެޑީ އެކެވެ. އަދި "ސްތްރީ 2"ގެ ސްކްރިޕްޓް ވެސް މިހާރު އޭނާ ފައިނަލްކޮށްފައިވާ ކަމަށާއި މި ފިލްމުގެ ވެސް ތަރިންނަކީ އެއްވަނަ ބައިގައި ވެސް ލީޑް ރޯލު ކުޅުނު ޝްރައްދާ އާއި ރާޖްކުމާރު ކަމަށް ޚަބަރުތައް ބުނެ އެވެ.
"ސްތުރީ" އަކީ ބްލޮކްބަސްޓާ ފިލްމަކަށް ވެފައިވާތީ އޭގެ ސީކުއަލް އެއް އުފައްދާނަމަ ބެލުންތެރިންގެ އުއްމީދުތައް ހުންނާނީ ވަރަށް އުހުގައި ކަމާއި ސްކްރިޕްޓްގައި ކިރިޔާ އުނިކަމެއް ހުއްޓަސް ލަނޑު ލިބޭނެ ކަމަށް ޕްރޮޑިއުސަރަށް ވެސް އަދި ފިލްމު އުފެއްދުމުގައި އުޅޭ އެންމެންނަށް ވެސް ޔަގީންވެ އެވެ.
"ސްތުރީ ރިލީޒްކުރިތާ ފަސް އަހަރުވީއިރުވެސް ފިލްމުގެ ދެވަނަ ބައެއް އިއުލާން ނުކޮށް މަޑުކުރީ އެހެންވެ އެވެ. ފުރަތަމަ ބަޔަށް ވުރެ މޮޅަށް ދެ ވަނަ ބައި އުފެއްދޭ ވަރުގެ ރަނގަޅު ސްކްރިޕްޓެއް ފައިނަލް ވަންދެނެވެ. މިހާރު އެފަދަ ސްކްރިޕްޓެއް އެމީހުންނަށް ލިބި ވަރަށް އަވަހަށް ފިލްމު އިއުލާން ކުރާނެކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
"ބީޅިޔާ"ގެ ލަވަޔަކުން ޝްރައްދާ ފެނިފައި ވެއެވެ. އެހެންވެ ގިނަ މީހުން ލަފާ ކުރަނީ "ސްތުރީ 2" ފެށޭނީ "ބީޅިޔާ" ނިމޭ ހިސާބުން ކަމަށެވެ. އަދި "ސްތްރީ 2"ގައި ވަރުންގެ ޚާއްސަ ފެނިލުމެއް އޮންނާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.