ޝްރައްދާ ކަޕޫރާއި ރާޖް ކުމާރު ރާއޯ 2018ގައި ކުޅުނު "ސުތުރީ" އަކީ އެ އަހަރު ވެސް ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމެވެ. މި ފިލްމުގެ ނިމޭ މަންޒަރުން ފިލްމު އަދި ފުރިހަމަ ނުވާ ކަމާއި އިތުރު ބައެއް އަންނާނެކަން ޔަގީން ވެފައިވުމާއެކު ފިލްމު ބެލި ގިނަ ބަޔަކު "ސުތުރީ 2"ގެ އިންޒާރުގައި ތިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
ހޮރޯ-ކޮމެޑީ މި ފިލްމުގެ ފަހުން ފިލްމުގެ ޑައިރެކްޓަރު ވަނީ ވަރުން ދަވަން އާއި ކްރީތީ ސެނޯން އާއެކު "ބީޅިޔާ" ކިޔާ ފިލްމެއް އުފައްދާފަ އެވެ. އަދި "ބީޅިޔާ"ގެ 'ތުމްކޭޝްވަރީ' ލަވައިން ޝްރައްދާ ފެނުމާއެކު "ސުތުރީ 2" ގައި ޝްރައްދާ އާއެކު ވަރުން ވެސް ބައިވެރިވާނެ ކަމަށް ގިނަ ބަޔަކު ބުނަން ފެށި އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ސުތުރީ 2"ގައި ހަމަ ހަގީގަތުގައި ވެސް ވަރުންގެ މާ ދިގު ނޫންނަމަވެސް ވަރަށް މުހިއްމު ރޯލެއް އޮންނާނެ އެވެ. ފިލްމުގެ ބަތަލަކީ ރާޖް ކުމާރު ނަމަވެސް ވަރުންގެ ރޯލުން ފިލްމުގެ ވާހަކައަށް ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
"ސުތުރީ 2"ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް އަންނަ އެޕްރީލްގައި ފަށަން ހަމަޖެހިފައިވާއިރު ޖުލައި އިން ފެށިގެން ފިލްމުގެ ޝޫޓިންގް ފަށަން ވަނީ ހަމަޖެހިފަ އެވެ.
ޝްރައްދާ އެންމެ ފަހުން ރަންބީރު ކަޕޫރާއެކު ކުޅުނު "ތޫ ޖޫޓީ މައި މައްކާރް" އަށް ބޮކްސް އޮފީޙުގައި ރަނގަޅު ކާމިޔާބެއް ލިބިފައި ވެއެވެ. ފިލްމު މިހާތަނަށް 100 ކްރޯޑަށް ވުރެ މަތިން ހޯދައި 100 ކްރޯޑު ކްލަބަށް ވަނީ ވަދެފަ އެވެ.