ބ. ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ފޯރުކޮށްދިނުމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމު މުހައްމަދު ނިންމަވައިފި އެވެ.
އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ އެރަށު ކައުންސިލްގެ އިސް ނެގުމަކަށް ސަން ސިޔާމުގެ "ސަން ސިޔާމު ކެއާ"އާ އެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަދޫގެ ރައްޔިތުންނަށް އުސޫލެއްގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް މާލީ އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"މިހާރު ބައެއް ބޭފުޅުން އެބަތިއްބަވާ އާސަންދަ ލިބުނަސް ބޭރަށް ދިއުމަށް ބޭނުންވާ އިތުރު ފައިސާ ނުލިބޭތީ ދެވޭނެ ގޮތެއް ނެތިފައިވެސް. އަދި ބައެއް މީހުން އެބަތިބި އާސަންދައިން ކަވަރުނުކުރާ ތަންތަނުން ބަލީގެ ގޮތުން ބޭސް ކުރަންޖެހިފައިވެސް. މިފަދަ މީހުންނަށް އުސޫލެއްގެ ތެރެއިން ސިޔާމު މި އެހީވަނީ،" ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަމަދޫ ރައްޔިތަކު ބޭސް ފަރުވާ ކުރުމަށް ސަން ސިޔާމް ކެއާގެ އެހީ ބޭނުންވާނަމަ ކައުންސިލުން އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފޯމު ފުރާފައި ކަމާ ގުޅޭ ލިޔުންތަކާ އެކު ކައުންސިލަށް ހުށަހެޅުމުން ސަން ސިޔާމު ކެއާ މެދުވެރިކޮށް ބޭސް ފަރުވާގެ އިންތިޒާމުތައް ހަމަޖެއްސުމަށް ކައުންސިލުން މަސައްކަތް ކޮށްދޭނެ ކަމަށެވެ.
ގާތްގަނޑަށް 564 މީހުންގެ އާބާދީއެއް އޮތް ކަމަދޫގެ ރައްޔިތުންނަށް ސިޔާމުގެ އެހީގައި ބޭސް ފަރުވާ ކޮށްދިނުމަށް ސިޔާމު އެއްބަސްވެވަޑައިގަތީ ކީއްވެގެންތޯ ސުވާލުކުރުމުން ޒަރީރު ވިދާޅުވީ ސިޔާމަކީ ސިޔާސީ ކަންކަމާއި ވިޔަފާރީގައި ފުންނާބު އުސް ބޭފުޅަކަށްވާތީ އެހެން މީހުންނަށްވެސް އެހީވާ ފަދައިން ކަމަދޫ ރައްޔިތުންނަށްވެސް އެހީވުމަށް ނިންމެވީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެއީކީ ވަކި ކަމެއް އޭގެ ފަހަތުގައި އޮވެގެން އެހެންވީ ކަމެއް ކަމަކަށް އަޅުގަނޑަށް ދަންނަވަން ދަތި،" ޒަރީރު ވިދާޅުވި އެވެ.
ޒަރީރު އިތުރަށް ވިދާޅުވީ ސަން ސިޔާމުގެ އެއްވެސް ވިޔަފާރިއެއް މިވަގުތު ކަމަދޫގައި ނެތް ކަމަށާއި ކަމަދޫގައި ވިޔަފާރިއެއް ކުރެއްވުމަށް ސިޔާމުގެ ފަރާތުން އެއްވެސް ހުށަހެޅުމެއްވެސް ލިބިފައި ނެތް ކަމަށެވެ.
ސިޔާމު އެންމެ ފަހުން ކަމަދޫއަށް ވަޑައިގަތީ ކޮން އިރަކުތޯ އެހުމުން ޒަރީރު ވިދާޅުވީ ސިޔާމު އެރަށަށް އެންމެ ފަހުން ވަޑައިގަތީ މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކަމަށާއި އޭގެފަހުން ކައުންސިލާ ގާތްގުޅުމެއް އޮންނަ ކަމަށެވެ.
ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާ ފޯރުކޮށްދިނުމަށް ސަން ސިޔާމު ކެއާ އިން ނިންމާފައި މިވަނީ ކަމަދޫގެ ޒުވާން ކުއްޖަކާ ސިޔާމު ކައިވެނި ކުރެއްވުމަށް އުޅުއްވާ ކަމަށް ބުނާ އަޑުތަކެއް ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ގަދަވެފައި ވަނިކޮށެވެ. ނަމަވެސް މިއަޑުތަކާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުމަށް ކަމަދޫ ކައުންސިލެއް ބޭނުމެއް ނުވި އެވެ.