އަބްދުއްރަހީމް އަބްދުﷲ

ވަން ޗައިނާ ސިޔާސަތު ރާއްޖެއިން ބަލައިގަނޭ: އަބްދުއްރަހީމް

ޗައިނާ އިން ގެންގުޅޭ "ވަން ޗައިނާ"ގެ ސިޔާސަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް ޗައިނާއަށް ވަޑައިގެން އުޅުއްވަނީ "2024 އިންޓަރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މި ސެމިނާގައި އިނގިރޭސި ބަހުން ތަގުރީރު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު 1972 ވަަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ހަރުދަނާ ގުޅުމެއް ކަމަށެވެ. މި ގުޅުން ޒަމާންވީ ގުޅުމެއްގެ ގޮތުގައި ދެމިއޮތީ ޗައިނާ އިން ގެންގުޅޭ "ވަން ޗައިނާ"ގެ ސިޔާސަތު ރާއްޖެއިން ފުރިހަމައަށް ގަބޫލުކުރާތީ ކަމަށްވެސް ވިދާޅުވި އެވެ.

"ރާއްޖެއިން ބޭނުންވަނީ ދެ ގައުމުގެ ގުޅުން މިހާރަށް ވުރެވެސް ބޮޑަށް ބަދަހިކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުމުގެ ތެރެއިން ޗައިނާ އިން ގެންދަނީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން ކަމަށެވެ. އެގޮތުން ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން ފަދަ ބިޔަ މަޝްރޫއުތަކުގައި ޗައިނާ އިން މިސާލު ދައްކާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ގައުމުތައް ތަރައްގީކުރުމާއި ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަަހިކުރެއްވުމަށް ކުރިއަށް ގެންދަވާ މަސައްކަތްތައް ބަލައިގަނެ އަބްދުއްރަހީމް ވަނީ ޗައިނާގެ ރައީސްއަށް ޝުކުރުވެސް އަދާކުރައްވާފަ އެވެ.

އަބްދުއްރަހީމް ވަނީ މިއަހަރުގެ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީވެސް ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ ރާއްޖެއިން ޗައިނާއާ އެކު އަބަދުވެސް ގާތުން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.